ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރ. ރަސްމާދޫގައި މުޒާހަރާކޮށްފިއެވެ.

ރަސްމާދޫ ރައްޔިތުން ނިކުމެ މިއަދު ހެނދުނު މުޒާހަރާކޮށްފައު ވަނީ އެރަށު އިންޖީނުގެ ކުރިމަތީގައެވެ. އެ މުޒާހަރާގައި ބައިވެރިވި މީހަކު "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، އެ މުޒާހަރާގައި ރައްޔިތުން ގޮވާލަމުން ދިޔައީ ކަރަންޓް ހިދުމަތް ރަނގަޅު ކުުރުމަށާއި، މިހާރު ހުރި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކަމަށެވެ.

 

މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ނަމާދު ބަންގިއަށް ކުރިއަށްގެންދިޔަ މި މުޒާހަރާގައި ރަށުގެ ރައްޔިތުން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ހަސަން އަހުމަދު މެންބަރުކަމުން އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި މި މުޒާހަރާގައި އެމްޑީޕީގެ ބައެއް މެންބަރުންނާއި، ރަށުގެ ކައުންސިލަރަކުވެސް ބައިވެރިވިކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

 

"މިހާރު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ، މިކޮޅުގައި ހުރި އެންމެ އިންޖީނެއް ރަނގަޅު، އެހެންވެ އިރުރުކޮޅަކާ ކަރަންޓްދޭ، ދެން އަނެއްކާ އިންޖީނުގެ ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުން ޑިމާންޑް ކުރަމުންދަނީ އެ ސަރަހައްދުން އިންޖީނުގެ ބަދަލު ކުރުމަށް، އެއީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ދުމުގެ އަސަރު ކުރާތީ އެ ގޭގޭގެ މީހުންނަށް ސިއްހީ މައްސަލަތައްވެސް ކުރިމަތިވޭ". އެ ރަށުން ވާހަކަދެެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، ރަށުގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާ އިންޖީނެއް ގެންނަ ވާހަކަ އެތައް ފަހަރަކު ދެއްކި ނަމަވެެސް އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން އެ ވާހަކަ ނުވެސް ދައްކާ ކަމަށާއި އާ އިންޖީނުގެއެއް އެޅުމަށް ކައުންސިލުން ބިމެއް ފެނަކަ އާއި ހަަވާލުކޮށްފައިވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.