މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ގާނޫނާ ހިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް 155 ކުދިންގެ މައްސަލަ ހުށައަޅާފައިވާޖުވެނައިލް ޖަސްޓިސް ޔުނިޓުން ހާމަކޮށްފިއެވެ.

އެ ޔުނިޓުން މިއަދު އާއްމުކުރި މިދިޔަ ހަ މަސް ދުވަހުގެ ރިޕޯޓްގައި ބުނެފައިވާގޮތުގައި، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ގާނޫނާ ހިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް 155 ކުދިންގެ މައްސަލަ ހުށައަޅާފައިވާކަމަށާއި، މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 33 މައްސަލަ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާ، އަޅާބަލާއިރު މައްސަލަތައް މަދުވެފައިވީނަމަވެސް ކުށްކުރަން ދިމާވާ ސަބަބުތައް އިތުރުކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓްގައި ވިދާޅުވެފައި ވަނީ، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކުށް ތަކުރާރުކޮށްގެން 79 ކުއްޖެއްގެ މައްސަލަ ހުށަހެޅުނުއިރު، 76 ކުދިންނަކީ އަލަށް ކުށްކޮށްގެން ހުށަހެޅުނު ކުދިންނެވެ.

މީގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޢުމުރުން 16 އަހަރާއި 18އަހަރާ ދެމެދުގެ ކުދިން ކަމަށް އެ ރިޕޯޓްގައި ވެއެވެ. މީގެ ތެރެއިން %95 ކުދިންނަކީ ފިރިހެން ކުދިންނެވެ.

އެ ރިޕޯޓްގައި ބަޔާންކޮށްފައި ހުރި ވަކި ވަކި މައްސަލަތަކަށް ބަލާއިރު، ސްކޫލްތަކުގެ މައްސަލަތަކުގެ އެންމެ ގިނައީ އެކި ސަބަބުތަކާއި ހުރެ ސްކޫލުން ކުދިން ވަކިވެފައިވާ މައްސަލައެވެ. މީގެ ތެރެއިން އެންމެ ގިނައިން ސްކޫލުން ވަކިވެފައި ވަނީ ގްރޭޑް 9 އިންނެވެ. ދެ ވަނައަށް އެންމެ ގިނައިން ސްކޫލުން ކުދިން ވަކިވެފައި ވަނީ ގްރޭޑް 7 އަދި 8 އިންނެވެ.

އަދި މީގެ އިތުރުން، މިދިޔަ ހަ މަސް ތެރޭގައި ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި ސްކޫލްގައި ތައުލީމު ޙާސިލުކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ އެޔުނިޓަށް ހުށަހަޅާފައިވާކަމަށް ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން، ޢުމުރުން 18 އަހަރުނުވާ ކުދިންގެ މައްސަލަތަކުގެ ތެރެއިން މިިދިޔަ ހަ މަސް ދުވަހު އެންމެ ގިނައިން ހުށައާޅާފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ މައްސަލަތަކާއި ގުޅުންހުރި 55 ކުއްޖެއްގެ މައްސަލަވަނީ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު