ދެމީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ވ. އަލްފްރެޝްކޯ، މުޙައްމަދު އާޒިމް (50އ) އާއި ތ. ގާދިއްފުށި، ޑޭޒީމާގެ، އިބްރާހިމް ރަޢޫފް (38އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު އާޒިމް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 28 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިބްރާހިމް ރަޢޫފް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 29 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.