މުހިންމު ބިލްތަކާއި، މައްސަލަތައް ނިންމުމަށް ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ މަހުގެ ފަހަކަށް ދިގު ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ދައުރު ނިންމައި ޗުއްޓީއަށް ދާން އޮތީ، މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް މިއަދު ރިޔާސަތުން ވަނީ ދައުރު ސެޕްޓެމްބަރު ފަހަކަށް ދިގު ކުރުމަށް ހުށަހަޅައި ވޯޓަށް އަހައިފައެވެ. އެ ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހުގައި ތިއްބެވި 72 މެންބަރުން އިއްތިފާގުވެފައި ވަނީ އަންނަ މަހުގެ ފަހަކަށް ދައުރު ދިގު ކުރުމަށެވެ.

ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވީ، މި ދައުރުގެ ދުވަސް އިތުރު ކުރައްވަން ބޭނުންފުޅުވަނީ މަޖިލީސްގައި ނުނިމިހުރި މުހިންމު މަސައްކަތްތައް ނިންމެވުމަށް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު އޮތް ގޮތުން ބުރާސްފަތި ދުވަހާއި، ހަމައަށް މި މައްސަލަ އެބަދޭ، އެއީ މިދައުރުގެ އެންމެ ފަހު ދުވަސް، އަޅުގަނޑު ގަބޫލުކުރައްވަނީ ތިޔަ އިއްޒަތްތެރި މެންބަރުން އަދި މި ދައުރުގައި ދެތިން ހަތަރު ދުވަސް ބޭނުންވާނެ ކަން". ނަޝީދު ވިދާޅުވިއެވެ.