ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މަހުގެ 24 އިން 26 އަށް ލ. ގަމުގައި ހިންގި މި ޕްރޮގްރާމަކީ ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރ އާއި ފުލުހުންގެ އިތުރުން، ޔުނިސެފް މޯލްޑިވްސް ގުޅިިގެން ހިންގި ތަމްރީން ޕްރޮގްރާމެކެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ލ.އަތޮޅުގައި ގާއިމުކުރެވުނު ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތަކަށް ކޮމިޓީގައި ތިއްބަވާ މެންބަރުން އަހުލުވެރިކުރުވުމާއި، އިޖުތިމާޢީ މައްސަލަތަކާއި ނާޒުކު ޙާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ ގޮތުން ފާހަގަކުރެވޭ މައްސަލަތަކާ މެދު ހޭލުންތެރިކުރުވުމާއި، އެ ފަދަ ފަރާތްތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، އެ ފަރާތްތަކަށް ދޭން ޖެހޭ ރައްކައުތެރިކަން ދިނުމުގައި ހުރިހައި މުޢައްސަސާތައް އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމުކުރުން ކަމަށްވެސް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.


މި ޕްރޮގްރާމްގައި ކަޅައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ފޮނަދޫ، ކުނަހަންދޫ އަދި މާވަށުގެ ސީ.އެސް.ޖީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބައިވެރިވެފައިވެއެވެ.

ސީ.އެސް.ޖީއެއްގައި ހިމެނެނީ ސޯޝަލް ވަރކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި، ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒާއި، ސްކޫލާއި، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަމްސީލުކުރާ ފަރާތެކެވެ.

ރަށު ފެންވަރުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މީހާރު ވަނީ ސީ.އެސް.ޖީތައް ގާއިމުކުރެވިފައެވެ.