“ސްޓެޓިއުޓް އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން”މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއި ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް މިއަދު އެދިވަޑައިގެންފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން 2013 ވަނަ އަހަރު އެކުލަވާލި “ޓެން-ޔިއަރ ޕްލޭން އޮފް އެކްޝަން”ގެ ދަށުން އުފެއްދި ސްޓެޓިއުޓް އޮފް ދަ އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ، އޯއައިސީ މެމްބަރު ޤައުމުތަކުގައި، އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެކުލަވާފައިވާ ސްޓެޓިއުޓެކެވެ.

އޯއައިސީ މެމްބަރު ޤައުމުތަކުގެ ތެރެއިން ގެމްބިއާ، ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް، ލީބިއާ އަދި މިސްރު ފަދަ ޤައުމުތަކުން މި ސްޓެޓިއުޓްގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މުޢާހަދާއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި، މި ސްޓެޓިއުޓްގައި ބައިވެރިވުމުން ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން، އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ގޮތަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަން މެންބަރުން ހާމަކުރެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ނާލު ދަތުރުކުރާ ބޯޓްފަހަރުގައި ކޮންމެ ފިރިހެނަކަށް އަންހެނެއް ވަޒީފާގައި ގެންގުޅެންޖެހޭގޮތަށް ދަތުރުފަތުރުގެ ގަވައިދު ބަދަލުކުރަން އެމްޑީޕީއަށް ކެރޭނެތޯއެވެ؟ މިކަން ކޮށްފައި އަދި މަސްވެރިކަމުގެ އުޅަނދުތަކުގައިވެސް ފިރިހެނުންނެކޭ އެއް ހަމައެއްގައި އަންހެނުން ލައްވައި މަސައްކަތް ކުރުވަންޖެހެއެވެ.

    • ލލލ

      ފިރިހެނުން އެކަނިދޯ އުނދަގޫ މަސައްކަތްތައް ކުރަން މިޖެހެނީ.