ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމުގެގޮތުން ޖަޕާން ސަރުކާރުގެ ގްރާންޓް އެއިޑް، "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް "2018 ގެ ދަށުން ރާއްޖެއަށް 41,427,540 ދިވެހި ރުފިޔާގެ އަގުހުރި މެޑިކަލް އިކުއިޕްމަންޓް ހަދިޔާކުރައްވައިފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ރާއްޖެއަށް ހަދިޔާ ކުރެއްވީ ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްފައި ހުއްނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ. ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި އިކުއިޕްމަންޓްތަކުގެ ތެރޭގައި ހެލްތް މިނިސްޓްރީއަށް ވަނީ ޑިފިބްރިލޭޓަރ، ޑެންޓަލް އުނިޓްސް، ޑެންޓަލް އޮޓޯކްލޭވްސް، ޑެންޓަލް އެކްސް-ރޭ ފިލްމް ޑިވިލޮޕަރސް ހަދިޔާކުރައްވާފައެވެ. އަދި އައިޖީއެމްއެޗްއަށް އަލްޓްރާ ސައުންޑް ސްކޭނަރގެ އިތުރުން ޕޯޓެބަލް އަލްޓްރާ ސައުންޑް ސްކޭނަރ، ޓްރާންސްޕޯޓެބަލް އިންކިއުބޭޓަރސް، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ އަދި އެމަރޖެންސީ ޓްރާންސްޕޯރޓް ވެންޓިލޭޓަރ ހަދިޔާ ކުރެއްވިއެވެ.

މީގެ އިތުރުން މިޕްރޮގްރާމްގެ ދަށުން ހެލްތް މިނިސްޓްރީއަށް 21 ޕެރެމެޑިކް އެމްބިއުލާންސް ހަދިޔާކުރެއްވުމަށް ޖަޕާނުން ނިންމާފައިވާއިރު. އެމްބިއުލާންސްތައް އަންނަ މަސް ތެރޭގައި ރާއްޖެގެ ނައުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާން ސަރުކާރުން ވަނީ މީގެކުރިންވެސް ޞިއްޙީދާއިރާއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް އެކިފަހަރުމަތިން ފޯރުކޮށްދީފައެވެ. މިގޮތުން 2017 ވަނަ އަހަރު ވަނީ 14 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު 24 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި އަދި 2013 ވަނަ އަހަރު 27 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ވަނީ ހަދިޔާކުރައްވާފައެވެ.

ޖަޕާނަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން މެދުކުނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ޤައުމެކެވެ.