ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހްމަދު ޝިފާއު އިސްތިއުފާ ދެއްވައިފިއެވެ.

ޝިފާއު ވަނީ އެ މަގާމުން އިސްތުފާ ދެއްވާ އެކަމުގެ ސިޓީ، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައެވެ. އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެެއެވެ.

އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ، 2018 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ހާޒިރުކޮށް މަޖިލީހުގެ މެމްބަރުންނާއި ސުވާލު ކުރިއިރު ލޯފާމެއްގައި ހިއްސާ ނޯންނާނެ ކަމަށް އޭނާ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް "ރާއްޖެ ޓީވީ" އިން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި ޝިފާޢު ދޮގު ހަދާފައެއް ނުވެއެވެ. އެމައްސަލައިގައި ދޮގު މައުލޫމާތު ފަތުރާފައި ވަނީ "ރާއްޖެ ޓީވީ" އިންނެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާގެ މައްސަލަތައް ބަލާ އިދާރާއެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްުޔަންކޮށް، ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.