ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުމަށް ޖޭއެސްސީ އިން ނިންމި ނިންމުން އެކޮމިޝަނުން މަޖިލީހަށް ފޮނުވާފައި ވާތީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ޖޭއެސްސީގެ ސިޓީ އިއްވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިމައްސަލަ މިހާ ހިސާބުން ޖުޑީޝަލް ކޮމެޓީއަށް ފޮނުވީ ކަމަށެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.

ފަނޑިޔާރު ޑީޑީ ސަަސްޕެންޑް ކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ މަސްލަހަތެއް އޮވެގެން ކަމަށާއި އެކަމުގައި ޖޭއެސްސީން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ޑީޑީގެ ވަކީލް ސުޕްރީމް ކޯޓުގައި ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު ދީދީގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވިދާޅުވީ ފަނޑިޔާރު ޑީޑީގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް ކުރެއްވި ބެންޗުގައި ފަނޑިޔާރު ޑީޑީ އިންނެވި އިންވެވުމާ ގުޅުންހުރި މައްސަލައެއް ކަމަށާއި އެހެންވެ، އެ މައްސަލާގައި ނަޝީދުގެ އަމިއްލަ މަސްލަހަތެއް އެބައޮތް ކަމަށެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ނަޝީދު ހުންނަވައިގެން އެ މައްސަލަ ހުށަހެޅީ ޒާތީ ގޮތެއްގައި ކަމަށާއި އެ މައްސަލަ ނަޝީދަށް ހުށަނޭޅުއްވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދުގެ އިތުރުން އެކަމުގައި މަސްލަހަތު ހިމެނޭ އެހެން ތިން ބޭފުޅަކު ބައިވެރިވި ކަމަށް ސަލީމް ވިދާޅުވި އެވެ. ނަޝީދު ކުރެއްވީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވާއިރު، ޖިނާއީ އިޖްރާއާތުގެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަނީސް އެ މައްސަލާގައި ޖޭއެސްސީއަށް ނިިންމުމެއް ނުނިންމޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ކުރިން އޭނާގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ގާނޫނު ބުނާއިރު، ޖޭއެސްސީން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އަދި މައްސަލައެއް ބަލާ ކަން ވެސް އޭރު އަންގާފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.

ޑީޑީ ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ނިންމައި ދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަނީ

    ޢަލްހަމްދުލިﷲ

    5
    7
  2. ފަތައްސިިީލަާ

    އަންނި އަށްކަމުދާ ފަނޑިޔާރުން ދިވެހި ގައުމު ބޭނުމެއް ނޫން ރަސުލުﷲގެފާނަށް އިހާނެތި ބަސްބުނަާ ކޮންމެ މީހަކީ މަގޭ ދުޝްމަނެއް. މައުމޫނު ބޭބެވެސް އިސްލާހުވޭ ފަނޑިޔާރުންވެސް ﷲއަށްބިރުވެތިޥޭ ތިބުނާ ދިީދިިިީ އަކީ ކޮންކަހަލަ މީހެއް ކަމެއް މަ ނުދަންނަން އިސްލާމް މުދައްރިސެއްދޯ ކުރީގަ. އޭނައަކިީ ރަނގަޅު ސޮރެއްނަމަ ކަލޭމެން އެންމެން އޭނަގެ ދިފާއުގައި ބަސްބުނޭ .