އެއްވެސް މީހެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ނުވަތަ ނާޖައިޒް ނުފޫޒެއް ބޭނުން ކޮށްގެން ވިޔަސް އެއްވެސް ފައިސާއެއް ހޯދާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ޖޭއެސްސީ އިން ތަޙްޤީޤު ހިންގީ ޤާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޑީޑީ މިހެން ވިދާޅުވީ އޭނާ އަށް ޖޭއެސްސީ އިން ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގެން ޖޭއެސްސީއަށް ފޮނުވި ރިޕޯޓްގައެވެ. ފަނޑިޔާރު ޑީޑީ ފަނޑިޔާރުކަމުން ދުރުކުރުމުގެ މައްސަލަ މިރޭ ރައްޔިތުންގެ މަޖިލީހުގައި ތާވަލް ކޮށްފައި ވާތީ ޑީޑީގެ ވަކީލުން މިރޭ ވަނީ ޑީޑީގެ ޖަވާބު އާއްމު ކުރައްވާފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކަމަށް ބުނާ 777 ނަމްބަރުން މެސެޖްކޮށްފައިވާކަމަށް ބުނެފައިވާއިރު، ތިމާ އަށް ނުވެސްއެނގި ތިމާގެ ނަމްބަރުން އެހެން މީހުންނަށް މެސެޖް ކުރުމަކީ މިޒަމާނުގައި އައިޓީ އެކްސްޕާޓުންނާއި ހެކަރުން ފަދަ މީހުން ވަރަށް ފަސޭހަކަމާއި އެކު ކުރާކަމަކަށް ވާއިރު، މީހެއްގެ ފޯނުން އެހެންމީހަކަށް މެސެޖް ފޮނުވާފައިވަނީ ސީދާ އެ ފޯނު ގެންގުޅޭ އެފޯނުގެ ވެރިފަރާތުންކަން ދަލީލްކޮށްދޭ ހަރުދަނާ ޤަރީނާއެއް ނެތީސް މީހެއްގެ ފޯނުން މެސެޖެއް ރިސީވް ވެފައި އޮތް ކަމަށް ބުނާ ބުނުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އެމީހަކު އެމެސެޖެއް ފޮނުވިކަމުގެ މައްޗަށް އެއްވެސް ހަރުދަނާ ހުއްޖަތެއް ގާއިމް ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ފަނޑިޔާރު ޑީޑީގެ ޖަވާބުގައި ވެއެވެ.

ރިއްފަތު އާއި ހިސާން ޖޭއެސްސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ކަމަށް ބުނެ ވެސް މެސެޖްތަކެއް ދައުރުވި ކަމަށާއި އެހެންކަމުން އެކަމުން ވެސް އެނގެނީ ކާކުކަން ނޭނގި މެސެޖްތަކެއް ފޮނުވުމަކީ ކުރެވިދާނެ ކަމެއް ކަން ވެސް ފަނޑިޔާރު ޑީޑީ ފާހަގަ ކުރައްވާފައިވެއެވެ.

މިމައްސަލައިގައި ފަނޑިޔާރު ޑީޑީގެ މައްޗަށް ޖިނާޢީ ކުށްތަކެއްގެ ތުހުމަތު އުފުލާފައިވާކަމަށް ބުނެފައިވީނަމަވެސް އެއިން އެއްވެސް ކުށެއްގެ ތުހުމަތަކާ ގުޅޭ އެއްވެސް ސުވާލެއް ކޮށްފައި ނުވާއިރު އަދި އެއްވެސް ޖިނާޢީ ތަޙުޤީޤެއް ވެސް މިހާތަނަށް ހިންގާފައި ނުވާއިރު އަދި ޖޭއެސްސީގެ ކަރުދާސްތަކުގައި ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނާ ހެކިތަކަކީ ފަނޑިޔާރު ޑީޑީއަށް ނިސްބަތްވާ ފޯނަކުން ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ލިބިފައިވާ ހެކިތަކަކަށް ނުވާއިރު އަދި އެހެކި ޤަރީނާ ހޯދާފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކަން ވެސް ކަށަވަރުވާން ނެތްއިރު މިމައްސަލައިގައި ފަނޑިޔާރު ޑީޑީ އާއި އެކި ފަރާތްތަކާއި އެކު ކުރެވިފައިވާ ކަމަށް ބުނާ މުއާސަލާތުތަކެއް ހިމެނޭކަމަށް ބުނާ ހެކިތަކަކީ ޤާނޫނާއި އެއްގޮތައް ހޯދާފައިވާ ހެކިތަކެއް ކަން ވެސް އެނގެން ނެތް ކަމަށް ޖަވާބުގައި ވިދާޅުވެފައި ވެއެވެ.

ފަނޑިޔާރު ޑީޑީ އާއި ދެކޮޅަށް ހިންގި ތަޙްޤީޤަކީ ޖިނާޢީ ތަޙްޤީޤެއް ކަމެއް ނުވަތަ ސުލޫކީ މައްސަލައެއްގެ ތަޙްޤީޤެއްކަން ސާފުނުވާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަނޑިޔާރު ޑީޑީގެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން އެއަމުރާއި ހިލާފަށް ޖޭއެސްސީ އިން ނިންމި ޣައިރު ދުސްތޫރީ ނިންމުމެއްގެ މައްޗަށް ބިނާކޮށް ދެން ނިންމާ އެއްވެސް ނިންމުމަކަށް ޤާނޫނީ ބާރު ލިބިގެން ނުދާނެ ކަމަށް ވެސް ޑީޑީ ވިދާޅުވެފައިވެއެވެ.

ޑީޑީގެ މައްސަލަ ބައްލަވާ ކޮމެޓީގެ މެންބަރުންގެ އަމިއްލަ މަސްލަހަތު އޮތް ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑީޑީ އެދިފައި ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ނިންމައި ދިނުމަށެވެ.

ނަމަވެސް ޖޭއެސްސީ އިން ނިންމީ ޑީޑީ މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވާށެވެ. މަޖިލީހުގެ މިރޭގެ ޖަލްސާގައި ވަނީ އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދދދދދދ

    މިހާރަކު ނޯންނާނެ ގާނޫނެއް ގަވައިދެއް. މުޅިއޮޑީގަ ހަސަނުގެ ދެފައި ހަސަނަކީ ވަގެއް، ބާޣީއެއް، ޓެެރަރިސްޓެއް. ހަމައެއްލަމައެއް އޮންނާނެތަ ދެން.

    2
    1
  2. ބަނީ

    އަޅުގަނޑު މާތް ﷲ ހުވާ ކޮށްފަ މި ބުނަނީ، ޑީޑީ ތި ހެށްދެވީ ކަނޑަ އެޅިގެން ދޮގެށް. ޑީޑީ ގެ ގޭގެ ބިލް ތަކެށް އާއިލާ އެށް ލާށްވާ ދެށްކި ހަނދާން ހަނދުމަފުޅު ނެތުނީތޯ؟

    7
    4
  3. ބަދަލު

    ބަދަލު ލިބޭނެ މިލިއަނުން. ކެތްކޮށްލައްވާ!

    6
    1
  4. ސަދީ

    ކެނެރީގޭ ނަޝީދަށްހީވާކަހަލަ އުމުރަށް އެގޮނޑީގަ އޭނަޔައް އިދެވޭނެކަމަށް ﷲމެދުވެރިކުރައްވާނެ ގޮތެއްއެގޭބާއޭނައަށް މީހުނަށްބޭނުންގޮތަކަށް ކަންތައްކުރަނީ

    3
    1