ސަރުކާރުން ހުށައެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ އޮތް މަޖިލިސް ޖަލްސާގައި ބަޖެޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ ވޯޓުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ވަޑައިގެން ބަޖެޓްގެ ތަފްސީލް ދެއްވާފައެވެ.

ސަރުކާރުން ބަޖެޓަށް އިތުރު ކުރި 1.7 ބިލިއަން ރުފިޔާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވެވެ. މީގެ ތެރެއިން 130 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއަށެވެ.

އައިލެންޑް އޭވިއޭޝަންގެ ހިދުމަތްތަކުގެ އަގުތައް 25 ޕަސެންޓް އަގު ހެޔޮކުރުމަށްޓަކައި އެ ކުންފުންޏަށް 35 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެ އެވެ. ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 24.4 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މިރޭ ފާސްކުރި ބަޖެޓުގައި ކުރިން ހިނގާނެކަމަށް ލަފާ ނުކުރާ ކަންކަމަށް ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 225 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މި އަހަރުގެ ބަޖެޓު ފާސް ކުރި އިރު ކޮންޓިންޖެންސީގެ ގޮތުގައި 411 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެން ކަމުން މި އަދަދު މިވަނީ 636 މިލިއަނަށް އަރައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކުރައްވާފައެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ސަރުކާރުންވަނީ މިހާތަނަށް މި އަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 37 މިލިއަން ވަގު

    ކާލާ ކާލާ. ކައި ގުޔަށްހަދާފަ އަނެއްކާވެސް ބަޖެޓް އިތުރުކުރޭ. ތިހާ މޮޅަށް. ވައްކަން ކުރަން ދަސްކުރީ އިނގިރޭސިން ގާތުންތަ؟ނޫނޭވާ ލާރި ފެނި މޮޔަވެފަ. ފައިސާ ފައިސާ ފައިސާ. މިވަރު ބޮޑެއްނު