ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ދައުލަތް ހިންގުމަށް ދަތި ކުރުމުގެ ދައުވާއެއް ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކުރިން ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ.

އުއްތަމަ ފަޑިޔާރު އަދި ފަޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ފަނޑިޔާރުންގެ ގާނޫނަށް ދާދިި ފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވާތީ އެވެ.

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ނުބައިކަން ބޮޑު ދެ ޝައިޠާނުން! ރައްޔިތުންގެ މާލިއްޔާއިން މިފަދަ ޝައިޠާނުނަށް އެއްވެސް ޚަރަދެއްކޮށްގެން ނުވާނެ!

  2. ފަޑުއްކަ

    ކުށްސާބިތު ނުވަނީސް އެމީހަކަމެދު ފިޔަވަޅު އެޅޭތަ؟ ފާޑުފާޑުގެ ބާތިލް ގާނޫނުތައްހައިގެން! މަޖިލީހުގެ 43 މެންބަރުން ނެތި ފާސްކުރާ ގަނޫނަކަށް ރައްޔިތުން ޢަމަލުކުރާކަށްނުޖެހެނެ މޮޔަނުވޭ!

    • ޖޮއްބެ

      ފަޑުއްކަމެންގެ ގުރޫޖީ ކެރަފާނަޝީދު ރޭގަނޑު ދަންވަރު ޢަސްކަރީ ބާރު ބޭނުންކޮށްގެން ކުށެއްނެތް މީހަކު ހިފާހައްޔަރުކޮށް ރަހީނުކޮށްގެން އުޅުނު އިރު ފަޑުއްކަ ހުރި އަނގަ އައްޕަތެއްހެން ހަދައިގެން ގަންޖާ ހޯޕްހޯޕް ކިޔާލަކިޔާލާ ނޫންތަ....؟

  3. އަމީތު

    މަސައްކަތް ނުކޮށް މުސާރަ ހަލާލެއްވެސް ނުވާނެ، ރައްޔިތުންގެ ފައިސާއިން އެތައްހާސްރުފިޔާ ނަގައިގެންތިބެ ރައްޔިތުންނަށް ހަރާންކޯރުވާ ބައެއްތީ، އެއްގޮތަކަށްވެސް ލޯލާރިއެއްވެސް މުސާރައޭކިޔާފަ ދޭނެކަމެއްނެތް