ދެ ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއް ރަށުގެ ބަނދަރުގެ ސާވޭ އެންޑް ޑިޒައިންގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އިއްޔެ މިކަމަށްޓަކައި ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު އިތުރަށް މަރާމާތު ކުރުމަށް ނިންމާފައިވަނީ ހދ. ނެއްލައިދޫ އާއި މ. ވޭވަށެވެ. ކ. މާފުށީ އަދި ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ރ. އަނގޮޅިތީމު ބަނދަރުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތުގެ އެއްބަސް ވުމުގައިވެސް ވަނީ ސޮއި ކޮށްފައެވެ.

އެމްޓީސީސީއާ ހަވާލުކުރި ފަސް މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ޕްލޭނިންގް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި، އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ކ. މާފުށީ އާއި ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 225 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން މާފުށި ބިން ހިއްކުމަށް 99.9 މިލިއަން ރުފިޔާ އެކުންފުންޏާ ހަވާލުކުރިއިރު ގުރައިދޫ ބިން ހިއްކުމަށް ހަރަދުވާނީ 85.9 މިލިއަން ރުފިޔާ އަށް ކަމަށް މައުލޫމާތު ދިނެވެ.

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމުމަށް އަހަރެއްގެ މުއްދަތު ދީފައިިވާއިރު، އެމްޓީސީސީއާ ހަވާލު ކުރީ 47.6 މިލިއަން ރުފިޔާ އަށެވެ. އަދި ވޭވަށުގެ ބަނދަރު އަޕްގްރޭޑް ކުރުމަށް 500 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެމަސައްކަތް ހަވާލުކުރީ 48.8 މިލިއަނަށް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.