މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން 13 ފޫޓުގެ ދިގު ބޯވަދިލަ މަހެއް ބާނައިފިއެވެ.

މި ބޯވަދިލަ މަސް ބާނާފައި ވަނީ ހުޅުމާލޭ ބޭރުން މަސްވެރިކަމުގައި އުޅުނު ދޯންޏަކުންނެވެ. މިއީ ރާއްޖޭގައި މިހާރު ބާނަމުންދާ ބޯވަދިލަ މަހުގެ ވައްތަރެއް ކަމަށްވާ، ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަ މަހެކެވެ.

މި ބޯވަދިލަ މަހުގެ ފޮޓޯތައް މިހާރު މީސްމީޑިއާގެ އެކި މަންސަ ތަކުގައި ދައުރުވަމުންދާއިރު، އޭގައި 13 ފޫޓު ހުރި ކަމަށް ފޮޓޯ އާންމު ކުރި ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް އޭގެ ބަރުދަން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭ ބޭރުން ބޭނި 13 ފޫޓުގެ ބޯވަދިލަ މަސް

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖޭގައި ތަޢާރަފްކޮށްފައި ވަނީ ދާދި ފަހުންނެވެ. މިއީ ދިވެހި މަސްވެރިންނަށް ވަރަށް މަންފާ ބޮޑު މަސްވެރިކަމަކަށް ވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ މިނިސްޓްރީން ވަނީ ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާ ކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށް ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމަކަށް މީގެ ކުރިން ފުރުސަތު ހުޅުވާލާފައެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ.