"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ސަގާފީ ތަރިކައިގެ ބިލް ތަޅުމުން ގެންނެވި އިސްލާހުތަކާއެކު ފާސްކޮށްފިއެވެ.

މި ބިލުގެ ފާސްކޮށްފައިވަނީ ހަޒިރުވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް ދިރާސާ ކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީންނެވެ.

މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމުގެ އިތުރުން ސަގާފުއި ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުން ހިމެނެއެވެ.

މި ބިލްގެ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން، ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ބިލް ދިރާސާ ކުރަމުން ދިޔައިރު، ކަމާއި ގުޅޭ ދާއިރާތަކުގެ ބޭފުުޅުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައިވާ ކަމަށެވެ.

"ބިލް ދިރާސާ ކުރަމުން ދިޔައިރު ގެނެވުނު އެންމެ ބޮޑު ބަދަލަކީ މި ބިލްގައި މިނިވަން މުއައްސަސާއެއް ހެދުމަށް އޮތް ބައި އުނިކުރުން " އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަހްމަދު

އަބްދުﷲ ވިދާޅުވީ އެބައި އުނިކުރީ ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރުމަށްފަހު، ބަޖެޓަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މި ބިލްގައި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުން ވެސް ހިމެނެއެވެ.