ފަސް ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ހެލްތު މިނިސްޓްރީން ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކުރީ ބ. ތުޅާދޫ އާއި ތ. ތިމަރަފުށި އާއި ށ. މިލަންދޫ އާއި ހއ. ފިއްލަދޫގެ އިތުރުން އއ. ރަސްދޫގައި ޖިމް ހަދާ ސާމާނެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މި އެއްބަސްވުމުގެ ދަށުން ހަވާލުކުރި ތަކެތި ކައުންސިލްތަކާއި، ހަވާލުކުރުމާއި އިންސްޓޯލްކުރުމާއި ޖިމްއާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި އެރަށެއްގެ ކައުންސިލްތަކާއި ގުޅިގެންނެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

މިއީ ދުޅަހެޔު ސިއްހަތަކަށް ދިވެހިން އަހުލުވެރިކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަހަރު ފެށި "25 އަށް 25" ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދިހަ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގޫފާރު މީހާ

    ކީއްވެ އުގޫފާރުގައި އައުޓްޑޯ ޖިމްގެ ސާމާނުތައް ނުބަހައްޓަނީ.

  2. މުހައްމަދު

    އާދެސް ކޮށްފައި ބުނަން ފުވައްމުލަކުގައި ރަނޣަޅު ފެންވަރުގެ ވޮލީ ކޯޓް އެއް އަޅައި ދީބަލަ

    5
    1