ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމްއާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައިގެ ތަހުގީގު ނިމުނުގޮތުގެ ރިޕޯޓް ބަލައިގަނެ އެބޭފުޅާއަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ވިދާޅުވީ، އިސް މެޖިސްޓްރޭޓް ހަނީފް އާ ގުޅޭގޮތުން ޖޭއެސްސީން ތަހުހީގު ކުރަމުންދިޔަ ޝަކުވާ އާއި ތަހްގީގުކުރި ޓީމުގެ ރިޕޯޓް އެކޮމިޝަނުން ބަލައިގެންގެންފައިވާ ކަމަށެވެ. އަދި އެ ފަނޑިޔާރާއިމެދުއެޅުމަށް ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތައުދީބީ ފިޔަވަޅު ކަމުގައިވާ ނަސޭހަތްތެރިވުން ކަމަށެވެ.

ޖޭއެސްސީން ވަނީ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް މާދަމާ އިން ފެށިެގެން 30 ދުވަހުގެ މުއްދަތެއް ހަނީފަށް ދިނުމަށް ނިންމާފައެވެ.

ހަނީފަށް ނަސޭހަތްދެނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.