ބ.މާޅޮހުގައި ހައިޑްރޮޕޯނިކްސް ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ފަށައިފިއެވެ.

މިޕްރޮގްރާމް ރަސްމީކޮށް ފައްޓަވާދެއްވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދެވެ.

ފިޝަަރީޒް މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީފައިވާ ކަމަށެވެ. އަދި ހައިޑްރޮޕޯނިސްގައި ގަސް ހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް މާޅޮހުގައި ހިންގާފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 20 ފަރާތުން ބައިވެރިވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ހާއްސަ ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ.

ފަތްޕިލާވެލި އިންދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާއާއި މެލަން ހެއްދުމަށް ހާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެއެވެ.