ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ މީހުންގެ ތެރޭގައި ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ އާއިލާ ހިމެނޭތީ ގައުމީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފިއެވެ.

އެ ހާދިސާގައި އިއްބެގެ އާއިލާގެ ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑު ވަނީ ސްރީލަންކާގައި ކޭމްޕް ކޮށްފައެވެ.

ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް "އަވަސް"އަށް މައުލޫމާތުދެމުން ވިދާޅުވީ، އިއްބެ އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތްދަތި ވަގުތުގައި ގައުމީ ޓީމުގެ ހުރިހާ ޕްރޮގްރާމެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި އިއްބެ ރާއްޖެއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ޔާމީން ވިދާޅުވިއެވެ.

"ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދާނެ މުޅި ގައުމީ ޓީމު ވަނީ އިއްބެ އާއެކު." އަވަސް އަށް މައުލޫމާތު ދެމުން ޔާމީން ވިދާޅުވިއެވެ.

މިއަދު ހެނދުނު 11:45 ހާއިރު 10 މީހުންނާއެކު ހަނިމާދޫއަށް ދަތުރުކުރަމުންދަނިކޮށް ލޯންޗް ބަންޑުން ޖަހާލައިގެން ހިނގާދިޔަ މި ހަދިސާ ގައި ފަސް މީހަކު ވަނީ ނިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއީ ދެރަކަމެއް

    ހިތާމައިގަ ބައިވެރިވާން ތިކޭމްޕް ކެންސަލް ނުކޮށް، ހިތްވަރާއެކު ތައްޔާރުވެ، މެޗުތައް ކާމިޔާބުކުރަން މަސައްކަތްކުރުން މާ އައުލާކަން ބޮޑު.

    14
  2. ސަޓޯ

    މެޗަކުން މޮޅުނުވީމަ ބުނެވޭނެތާ،. ޙިތާމަ ފާޅުކުރަން ކޭމްޕް ކެންސަލް ކުރީމައޭ ބަލިވީ