ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗް އެއްގަމަށް އަރުވައިފިއެވެ.

އެ ؛ލޯންޗް ބަންޑުން ޖަހާލާފައިވަނީ، ހަނިމާދޫގެ ދެެކުނު ފަރާތު ފަރުމައްޗަށް ކަމަށް އެމްެއެންޑީއެފް އިން ވިދާޅުވިއެވެ. އެ ލޯންޗް އެއްގަމަށް އަރުވާފައި ވަނީ އާއްމުންނާއި، އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެ ލޯންޗަކީ 23 ފޫޓުގެ ލޯންޗެކެވެ.

ހަނިމާދޫއަށް ދަތުރުކުރަމުންދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން 10 މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި، ފިރިހެނަކާއި، ކުޑަ ކުއްޖެކެވެ.

އެ ލޯންޗް ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ހާދިސާ ހިނގިއިރު، އެ ސަރަހައްދަށް އޮތީ ރިނދޫ ސަމާލުވެސް ނެރެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްވެފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ކަނޑު ދަތުރު ކުރުމަށް އެމްއެންޑީއެފް އާއި ފުލުހުން އަދި މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.