ހދ. ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރި ލޯންޗް ބަންޑުން ބަޔަކު ކަނޑުވި ހާދިސާގައި ކަނޑުމަތިން ނެގި އެއްވެސް މީހެއް ލައިފްޖެކެޓު އަޅާފައި ނެތް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ހާދިސާ އާއި ގުޅޭ ތަފްސީލް މީޑިއާތަކަށް މައުލޫމާތުދެމުން ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، މިއަދު 11:45 ހާއިރު ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި މި ކުޑަ ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ދެކުނު ފަރާތު ފަރު މައްޗަށެވެ.

އެއީ 23 ފޫޓުގެ ލޯންޗެކެވެ. އެ ލޯންޗް ބަންޑުން ޖަހާލިއިރު، އޭގައި 10 މީހުން ތިއްބެވެ. އޭގެން ދަތުރު ކުރި މީހުން ކަނޑުވުމާއި ގުޅިގެން ހަނިމާދޫގައި ހަރަަކާތްތެރިވަމުންދިޔަ ސިފައިންނާއި، ފުލުހުން އަދި އާއްމުންގެ ބަޔަކު ވަނީ އެހީވުމުގެ މަސައްކަތް ފަށާފައެވެ.

ސަލީމް ވިދާޅުވީ، މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ހަތް މީހަކު އެމްއެންޑީއެފްގެ ލޯންޗްތަކަށް ފެނިފައިވާކަމަށެވެ. އަދި އާއްމުންގެ ލޯންޗަކަށް ކަނޑުވި އެކަކު ފެނުނު ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެ ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ލޯންޗުން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން ކަމަށެވެ.

އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"މި 10 މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައި ވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު މި ދިމާވި ކޮޅިގަނޑާއި ގުޅިގެން".ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މި ހާދިސާގައި ކަނޑުމަތިން ނެގި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނެތް ކަމަށެވެ. އަދި މި ދަތުރުކުރި ވަގުތަކީ އެ ސަރަހައްދުގެ މޫސުން ގޯސްވެދާނެ ކަމަށް ބަލާ އެލާޓް ނެރެފައިވާ ވަގުތެއްގައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"މި ހާދިސާ އާއި ގުޅިގެން އަޅުގަނޑުމެންނަށް ނެގުނު އެއްވެސް ފަރާތަކުން ލައިފްޖެކެޓް އަޅާފައި ނެތް ކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ"، ސަލީމް ވިދާޅުވިއެވެ.

ނޮޅިވަރަމް އިން ހަނިމާދޫއަށް އެއީ ވަރަށް ކައިރި ހިސާބެއްކަން ފާހަގަކުރަމުން ސަލީމް ވިދާޅުވީ، ލައިފްޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތައް އަޅައިގެން ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ކަނޑު ކިރިޔާވެސް ގަދަކަމުގައި ވެއްޖެއްޔާމުން ލައިފްޖެކެޓް ފަދަ ފްލޯޓިންގ ޑިވައިސްއެއް އަޅައިގެން ތިބުމުގެ މުހިންމުކަން މީގެން މި ފެންނަނީ، ކިތަންމެ ކުޑަކުޑަ ދަތުރަކަށް ނުކުތް ކަމުގައި ވިޔަސް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅު ނޭޅިއްޖެކަމުގައިވަންޏާ ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެދާނެ ކަން އަޅުގަނޑުމެންނަށް މީގެން މި ފާހަގަކުރެވެނީ". ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކެޓް ފަދަ އެއްޗެހި ބޭނުން ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިރުޝާދު ދީފައެވެ.

ސަލީމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މޫސުން ގަދަކޮށް ދައްކާ ކަމަށާއި، އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ހާއްސަގޮތެއްގައި ކުޑަ ކުޑަ އުޅަނދު ފަހަރުގައި ދަތުރުކުރާއިގައި މޫސުމަށް ހާއްސަ ގޮތަަކަށް ބެލިގެން ނޫނީ ދަތުރު ނުކުރުން އެއީ ވަރަށް ބޯޑަށް ކޯސްޓްގާޑުން އިލްތިމާސް ކުރާ ކަމެއް". ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ މޫސުން ގޯސްވެފައިވާއިރު، ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެެވެ. އެހެންކަމުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ނޫނީ ދަތުރު ނުުކުރުމަށް އިލްތިމާސްކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޢުފަރު ޢީސާ މުހައމަދު

    ކަޑު ގަދަޔަސް މަޑަސް ލޯންޗްގާ ދަތުރު ކުރައްވާ ވަގުތުގާ ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރަންވީ