ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ، ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ ގިނަ ހާދިޘާ ތަކެއް ހިނގަމުން އަންނަ ކަމަށާއި، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބެމުން އަންނަ ކަމަށާއި ކަނޑު ދަތުރުތައް ކުރާ އިރުގައި އޮޑިތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ދަތުރުގެ ކުރިން ދަތުރަށް ތައްޔާރު ވުން މުހިއްމު ކަމަށެވެ.

މިގޮތުން، ދަތުރުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި ލައިފް ޖެލެޓާއި، މުވާސަލާތީ ނިޒާމުގެ އިތުރުން ދިޔަ ހިއްކާ ޕަމްޕުތައްވެސް ރަނގަޅު ހާލަތެއްގައި ހުރިތޯ ދަތުރުގެ ކުރިން ޗެކް ކުރުމަށް އެފަރާތުން ވަނީ އަންގާފައެވެ.

މީގެ އިތުރުންވެސް، ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ ދިޔަ ފަރުވާތެރި ކަމާއި އެކު ހިއްކުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދު ތަކަށް އަމަލްކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކަށް ގޮވާލާފައެވެ.

އެމްއެންޑީއެފް އިން މިކަންތަކަށް ސަމާލުވުމަށް އެދި ބަޔާނެއް ނެރުނުއިރު، މިއަދު ހދ. އަތޮޅުގައި ކަނޑުމަތީގެ ހިތާމަވެރި ހާދިޘާ އެއް ވަނީ ހިނގާފައެވެ. ކަނޑުމަތީ ދަތުރުތައް ކުރުމުގެ ކުރިން ކޯސްޓުގާޑުގެ ހިލޭ ގުޅޭނެ ނަމްބަރު 191 އަށް ގުޅައި އެ ދަތުރެއްގެ މައުލޫމަތު ހިއްސާ ކުރުން މިފަދަ ދަނޑިވަޅު ތަކުގައި އެދެވިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޑިންގީއާއި ބޮއްކުރާ ނުދަންނަނީތޯ؟