ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މިއަދު ނިޔާވި ހުސައިން އަބްދުﷲއަކީ މުއްދަރިސެއްގެ ގޮތުގައި އިހްލާސްތެރި މަސައްކަތްތަކެއްކޮށްދެއްވާފައިވާ ފަރާތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ތައުޒިޔާ މެސެޖުގައި ވިދާޅުވީ، މިއަދު މެންދުރު ފަހު ހިނގާދިޔަ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިިޔާވި ފަރާތްތަކުގެ އާއިލާތަކަށް އެ މިނިސްޓްރީ އާއި، މިނިސްޓްރީގެ ވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެެ.

އެ މިނިސްޓްރީގެ ތައުޒިޔާ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ، މި ހާދިސާގައި ނިޔާވި ހުސައިން އަބްދުﷲ އަކީ 35 އަހަރު މެދުކެނޑުމެއް ނެތި ނޮޅިވަރަންފަރު ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި ބޭފުޅެއް ކަމަށެވެ.

"ހުސައިން އަބްދުﷲ ނިޔާވުމަކީ، ނޮޅިވަރަންފަރުގެ އެންމެހާ ރައްޔިތުންނާއި، ސްކޫލަށް ލިބިގެންދިޔަ ނުހަނުބޮޑު ގެއްލުމެއްކަމުގައި ދެކެމެވެ". އެޑިއުކޭޝަން މިނިސްޓްރީގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އަދި މި ހާދިސާގައި ނިޔާވި ހުސައިން އަބްދުﷲ އާއިލާގެ ތިން މެންބަރުންނަށާއި، ނޮޅިވަރަން ސްކޫލްގެ މުދަރިއްސް އަބްދުއްޝުކޫރު ހުސައިންގެ އަންހެނުން އަނބިކަނބަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ދަންނަވާ ކަމަށް އެ ތައުޒިޔާ މެސެޖުގައި ވެއެވެ. އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށް އެ މެސެޖުގައި ވެއެވެ.

މި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ ހަނިމާދޫގައެވެ.