މިއަދު މެންދުރު ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗްގައި ދަތުރު ކުރި، އަދި އެހާދިސާގައި ނިޔާވެފައިވާ އައިޝަތު އަލީ ދަތުރު ކުރަން ހަމަޖެހިފައި އޮތީ އިންޑިއާގެ ޓްރެވަންޑްރަމަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނޮޅިވަރަންފަރުން މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި އައިޝަތު އިންޑިއާ އަށް ދަތުރު ކުރަން ހަމަޖެހިފައި އޮތީ ބޭސްފަރުވާއަކަށެވެ. އޭނާ އަކީ ދިގު މުއްދަތެއް ވަންދެން ބޭސް ކުރަމުން އައި މީހެކެވެ.

އައިޝަތު އާއި އެކު އޭނާގެ ފިރިމީހާ އަބްދުލްޝުކޫރު ވެސް ލޯންޗްގައި ދަތުރު ކުރިއެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރެއް ކަމަށްވާ އަބްދުލްޝުކޫރަށް އަދިވެސް ދަނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

މިއަދު މެންދުރު ހިނގި ލޯންޗް ބަނޑުން ޖަހާލި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ ނިޔާ ވެފައެވެ. 10 މީހުން ދަތުރުކުރި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ކުޑަކުއްޖަކާއި، ތިން އަންހެނުންނާއި، ފިރިހެނެކެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އިޔާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.

ނިޔާވި ފަސް މީހުންގެ ޖަނާޒާ މިރޭ މެންދަމު 01:30 ގައި ހަނިމާދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒައިޝާ

    ކޮންމެ ފުރާނައަކީ އަގުބޮޑު އެއްޗެއް. އެއް އާއިލާގެ 4 މީހުން އެއްފަހަރާ މަރުވެގެން ދިއުމަކީ މުޅި އާއިލާ އަށްވެސް ލިބިގެންދާނެ ވަރަށް ބޮޑެހިތާމައެއް. މިހިތާމަވެރި ޚަބަރު ލިބުނު ވަގުތުން ފެށިގެން އަދިވެސް އަދިވެސް ހިތަށް ކުރި އަސަރުން ރޮވޭހަމަ. އެކަމަކު ދެރަވީ އެ 4 ފުރާނަ އެކީގައި މަރުވެގެން ދިޔަ 5 ވަނަ މަރްޙުމާ އައިޝަތު އަލީގެ އެއްވެސް ޚަބަރެއް އެއްވެސް ފަރާތަކުން ލިޔެ އަދި ސޯޝަލް މީޑިޢާއެއްގަ ވެސް އެފަރާތުގެ އެއްވެސް ވާހަކައެއް ހިއްސާ ކޮށްފައިވުނާތީ.މަރުވި ހުރިހާ ފުރާނަތަކަށް ﷲ ހެޔޮރަހްމަތް ލައްވާށި. އާމީން

    40