ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރަމުން ދަނިކޮށް މިއަދު ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެއް ބޭފުޅާ ކަމަށްވާ ހުސެއިން އަބްދުﷲ އަކީ ނޮޅިވަރަންފަރުގެ ތައުލީމީ އެންމެ އިސް އެއް ތަނބެވެ. ނޮޅިވަރަންފަރުގެ ތައުލީމް މިހާރު އޮތް ހިސާބަށް ގެނައުމުގައި މަރުހޫމް ހުސެއިން ކޮށްދެއްވި ޚިދުމަތްތަކުގެ ހަނދާންތައް ދުވަހަކު ވެސް އެރަށުގެ ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނެއެވެ.

މިއަދު ހުސެއިން އަބަދުގެ އަބަދަށް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައިރު މީގެ މަހެއްހާ ދުވަސް ކުރިން ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ހުސެއިން ވަނީ އޭނާ އެސްކޫލަށް ފުރަތަމަ ވަޑައިގެން، ސްކޫލްގެ ހިންގުމަށް ކުރެއްވި ބައެއް މަސައްކަތްތަކާއި، އަދި ކުރިއަށް އޮތްތަނުގައި ސްކޫލުން ފެނިވަޑައިގަންނަވަން އުއްމީދު ކުރައްވާ ބައެއް ކަންތައްތައް ޖަލްސާގެ ބައިވެރިންނާއި ހިްސާ ކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ހުސެއިން ވިދާޅުވީ ނޮޅިވަރަންފަރުގެ ސްކޫލާއި މެދު އޭނާގެ ތަސައްވަރެއް ވެސް ވަރަށް ގިނަ އުއްމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.

ހުސެއިން ވިދާޅުވީ އޭނާ އަބަދު ސްކޫލްގައި ކިޔަވައިދޭން ނުހުންނަވާނެ ކަމަށެވެ.

"އަބަދަކު އަޅުގަނޑުމެން މިތަނަކު ނުތިބޭނެ. އަޅުގަނޑުގެ ތަސައްވަރެއް އެބައޮތް. މިތަނުގެ ހުރިހާ މުވައްޒަފުން ގުޅިފައި މިއޮތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ގުޅިފައި އޮތުން. މި ގުޅުން ނެތިއްޖެނަމަ ރަނގަޅު ތައުލީމެއް ވެސް ނުދެވޭނެ. އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑުމެންގެ ނަތީޖާ ދެގުނަ މައްޗަށް ޖައްސާލެވޭނެ ކަމަށް. ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކެއް ދަރިވަރުން ހޯދުން." ހުސެއިން ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ސްކޫލްގައި 37 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ހުސެއިން ވިދާޅުވީ ސްކޫލާއި ގުޅިވަޑައިގެންނެވި އިރު ސްކޫލްގައި ފަންކާއެއް، ފޯނެއް ވެސް ނެތް ކަމަށެވެ. ކަރަންޓްގެ މައްސަލަތައް ހައްލު ކުރަން ވެސް މަސައްކަތަކެއް އެދުވަސްވަރު ކުރެއްވި ކަމަށް ހުސެއިން ވިދާޅުވިއެވެ.

"އޭރު ހަސަތޭކަ ރުފިޔާ ލިބެނީ. އެފައިސާ އިން ހުރިހާ ޚަރަދެއް ކުރަން ޖެހޭ. އަޅުގަނޑު ވަރަށް ގިނަ ކަންކަމަށް އެފައިސާ ބަހާލަން ޖެހުނު. އޭގެ ދިހަ އަހަރު ފަހުން 33000 ރުފިޔާގެ ބަޖެޓެއް ލިބެން ފެށީ." ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިޤުބާލް ބާރަށް

    ޙުސެންބެ އަޅުގަނޑުމެންނާއިއެކު ޢިލްމީ ވާރކްޝޮޕްތަކުގައި ބައިވެރިވެ ކުރައްވާ މަޖާކަންތަކާއި ދައްކަވާ އަގުހުރި ވާހަކަ ތަކުގެ ހަދާން ނުނެތޭނެ! ނަމަވެސް މިއަދު އެހަދާންތައް އަޅުގަނޑުމެންނާއި ޙަވާލުކޮށް ދާއިމީ މަންޒިލަށް ތިޔަރުޖޫޢަވީ! ލޮލުން މިހިރަފައިބާ ކަރުނަތަކަާއި އެކު ތިޔަފުރާނައަށް ﷲ ރަޙުމަތްލެއްވުމަށް އެދި ދުޢާކުރަން.

    210
    2