ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިންގ ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ދުނިޔޭގެ ފެންވަރުގެ ތާރީހީ ހިނގާލުން "ގްލޯބަލް ޔޫތް ޕީސް ވޯކް 2019" ނިންމާލައިފިއެވެ.

އެކި އުމުފުރައިގެ މީހުންގެ ބައިވެރިވުމާއި އެކު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މިހަރަކާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަދި ރެޖިސްޓްރާ އޮފް އެން.ޖީ.އޯ އަލްފާޟިލް އަހުމަދު އިރާޝްއެވެ.

"ގްލޯބަލް ޔޫތް ޕީސް ވޯކް 2019" ގެ ނަމުގައި ބާއްވި މިހިނގާލުމުގައި ބައިވެރިވެފައިވަނީ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް ޕްރޮގްރާމުގައި ބައިވެރިވި 29 ގައުމުގެ 200 ބައިވެރިންގެ އިތުރުން ސަރުކާރުގެ ގިނަ ވުޒާރާތަކުގެ މަންދޫބުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންގެ އިތުރުން ކޮލެޖު ދަރިވަރުންނާއި އާންމު ފަރާތްތަކުންނެވެ.

ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމްކުރުމަށް އަޑުއުފުލާ ބޭއްވި މިހިނގާލުމުގައި ޒުވާނުން ވަނީ އެކި މެސެޖްތައް ފޯރުކޮށްދީފައެވެ. އެގޮތުން ޒުވާނުންނަށް ސުލްހަވެރި އަމާން މާހައުލެއް ނެތުމުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ދިމާވާ ދަތިތަކަށް އަލިއަޅުވާލާ އެކުވެރިކަން ގާއިމްކުރުމަށް ޒުވާނުން ވަނީ ގޮވާލާފައެވެ.

"ގްލޯބަލް ޔޫތް ޕީސް ވޯކް 2019" އަކީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 1 ސެޕްޓެމްބަރާއި ހަމައަށް ރަފީ ޖަމިއްޔާއި ކުރިޔަށްގެންދާ "ގޯލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން ކުރިޔަށްގެންދިޔަ ހިނގާލުމުގެ ހަރަކާތެކެވެ. އެގޮތުން މިހިނގާލުން ނިންމި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކޮށް ރަފީއިންވަނީ އެފަރާތްތަކަށް ހާއްސަ މެޑަލްއެއް އަރުވާފައެވެ

ރަފީ ޖަމިއްޔާއިން މައުލޫމާތުދިން ގޮތުގައި ޖީ.ވައި.ޕީއޭގެ ތެރެއިން އިތުރު ހާއްސަ މޫދު ހަރަކާތެއްވެސް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.