އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވެސް (އައިޔޫއެމް)ގެ ބައިނަލްއަގުވާމީ މަހާސިންތާ މިއަދު ފަށައިފިއެވެ.

އައިޔޫއެމްގެ މި މިހާސިންތާ ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ އާއި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ހުސައިން ރަޝިދު ހަސަނެވެ.

މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާގެ ނަމަކީ "އިލްމު ހިއްސާކޮށް އިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން" އެވެ. މި މަހާސިންތާގައި 300 އެއްހާ ބައިވެރިން ބައިވެރިވެފައި ވާއިރު. މަހާސިންތާގައި 50 ކަރުދާހެއް ހުޅަހެޅުމަށް ވަނި ނިންމާފައެވެ.

އޭގެތެރެއިން 35 ކަރުދާހަކީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުގެ އިލްމުވެރިން ހުށަހަޅާފައިވާ ކަރުދާހެވެ. ބާކީ 15 ކަރުދާހަކީ ރާއްޖޭގެ އިލްމުވެރިން ހުޅަހަޅާ ކަރުދާހެވެ.

މި ކަރުދާސްތައް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މެންޓަލް ހެލްތް، ގުރުއާނިކް ސައިންސް، ސައިކޮލޮޖީ، އިސްލާމިކް ސިވިލައިޒޭޝަނާއި ކަރިކިއުލަމް، ފައިނޭންސް، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ އަދި ޝަރީއާ އެންޑް ލޯ އެވެ.

މި މަހާސިންތާ އަކީ އައިޔޫއެމްއިން 2016 ވަނަ އަހަރަށް ފަހު ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަހާސިންތާއެކެވެ.