ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލާނެ ގާނޫނެއް ހެދުމަކީ އެމްޑީީޕީގެ އަމާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީ ޒުވާނުންގެ ކޮންގެރެސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނާއި ވަޒީފާ ނެތް ޒުވާނުން މަގުމަތީގައި ގިނަ ކަމަށާއި މިހާރުގެ ސަރުކާރުން އެ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

އަދި ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި މުހިންމު މަސައްކަތް ކުރަންޖެހޭ ސަބަބަކީ ވަޒީފާގައި ތިބޭ ޒުވާނުންނަށް ރަނގަޅު މަންފާއެއް ހޯދައިދިނުމުގެ ބޭނުން އޮތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދޮރުން ދޮރަށް ހިނގި އިރު ޒުވާނުންގެ އެންމެ ބޮޑު ޝަކުވާ އަކަށްވީ މުސާރަ ކުޑަ ވާހަކަ. އޯވަޓައިމާއި އެލަވަންސް ނުދޭ ވާހަކަ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އެންމެ މުހިންމުކޮށް މަސައްކަތް ކުރަން ޖެހޭ ސަބަބަކީ އެއީ ޒުވާނުންނަށް ކޮށްދޭން ޖެހޭ ކަމަކަށް ވުމުން،" ނަޝީދު ވިދާޅުވިއެވެ.

އާއިލާތަކުގެ ތެރޭގައި ޑްރަގްގެ ވަބާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް ސަރުކާރުން ސިޔާސަތެއް އެކުލަވާލަން ޖެހޭކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝިދު އިތުރަށް ވިދާޅުވީ، ޒުވާނުންނަށް ދިމާވެފަވާ ގޮންޖެހުންތައް ގިނަ ކަމަށާއި އެ މައްސަލަތަކުން ޒުވާނުން އަރައިގަތުމަށް ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތުތައް ސަރުކާރަކަށް ނޯޅޭނެ ކަަމަށެވެ. އަދި ހަމަ އެހެންމެ ޒުވާނުންނަށް ދިމާ ކުރުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭގަރާރު

    އޭ ބޭގަރާރު ރައީސޫ. ވަޒީފާނުލިބޭ ޒުވާނާއަށް ދޭންބުނި އުޖޫރަކޮބާ.. މިއުޅެނީ ދަފްތަރެ ނެގިނެނޫން.. ދަފްތަރުގަތިބިމީހުން މަގަތިވެގެން... މޑޕގެ ރަޖިސްޓްރީ ގިނަކުރަން އައިޑީ ނަންބަރު ހޯދަން ފިންގާރޕްރިންޓް ހޯދަން ތަށި އަބުރަން ނޫޅެ އެޖެންޑާ19ގަ ދޭންބުނި ވަޒީފާގެ އެލެވަންސްދީބަލަ.. ކައުސިލް އިންތިހާބަށް ވޯޓުގަންނަން ރައްރަށަށް ފާނުވައްޗޭ..