ހދ. ކުމުންދޫގެ ބަނދަރު ސަރަހައްދުގައި އައިސްޕްލާންޓެއް ތަރައްގީ ކުރުމަށް ނިންމަވައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނެފައިވަނީ އެރަށު ބަނދަރު ސަރަހައްދުގައި އައިސްޕްލާންޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ ޕްލާންޓް ތަރައްގީ ކުރުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެރަށު ކައުންސިލުން ބުނީ، އެބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރުގައި 11:00 އަށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އައިސްޕްލާންޓް އެޅުމަށް ދޫކުރަނީ 2000 އަކަފޫޓްގެ ބިމެއް ކަމަށާއި ދޫކުރެވޭ އެންމެ ކުޑަ ކުއްޔަކީ 60 ލާރި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން ބުނީ، ބިން ލިބިއްޖެނަމަ، އެ ބިން ތަރައްގީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ކަމަށާއި، ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާއީ ކަންކަމަށް އަހަރަކު ކުރާނެ ކަންކަންވެސް ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ކަމަށެވެ.

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓްމެންޓަކުން ޕްރޮޕޯޒަލް ހުށަހަޅާނަމަ، ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ ހުށަހަޅަންޖެހޭ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.