ކަނޑު ދަތުރުފަތުރު ކުރާއިރު ލައިފް ޖެކެޓް އަޅުވާތޯ ބަލަން ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފިއެވެ.

އެ އޮތޯރިޓީން މިއަދު ވިދާޅުވީ، އޮތޯރިޓީން ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސަރވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދުފަހަރުން ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ރަށްރަށުންފުރާ މީހުން އުފުލާ ހުރިހާ އުޅަނދެއްގައި ލައިފްޖެކެޓް އެޅުމަށް ހަނދާންކޮށްދެން. ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ލައިފްޖެކެޓް އަޅާނެ ގޮތް ކިޔާދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް ހަނދާންކޮށްދެން". ޓްރާންސްޕޯޓުން ވިދާޅުވިއެވެ.

ޓްރާންސްޕޯޓުން މީގެ ކުރިން ވިދާޅުވިގޮތުގައި، ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ނެރުނު ބަޔާނެެއްގައި ވިދާޅުވީ، އާދަޔާ ހިލާފަށް ވައިބާރުގެ ގަދަ ވިއްސާރަ ކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ކަނޑުދަތުރުކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެހެންވުމާއެކު ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، މިފަދަ ދުވަސްތަކުގައި ދަތުރުނުރުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓްރާންސްޕޯޓުން މި މަސައްކަތް ފަށާފައިވަނީ ލޯންޗް ފަހަރުތަކުގައި ދަތުރުކުރާއިރު، ލައިފް ޖެކެޓް ނާޅާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު 10 މީހުންނާއެކު ހދ. ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ. މި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ތިބީ ލައިފް ޖެކެޓް އަޅައިގެން ނޫނެވެ.