ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ބޭރު ޤައުމުތަކުން ރާއްޖެއަށް ހާފިޒުން ގެންނަން ނުޖެހޭ ވަރަށް ދިވެހިން ކީރިތު ޤުރުއާނަށް އަހުލުވެރިވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިގޮތަށް ވިދާޅުވީ، ކީރިތި ގުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއް އޮވެފައި، ޤުރުއާނަށް އެހާ ލޯބި ކުރާ ބައެއްގެ ގޮތުގައި ތިބޭއިރު އަހަރަކު އެއްފަހަރު އަންނަ ރަމަޟާން މަހުގެ ތަރާވީސް ނަމާދަށް ވަރަށް ގިނަ އަދަދަކަށް ބޭރުގެ ހާފިޟުންނާއި ގާރީން ގެންނަން ޖެހޭ ޖެހުމާއި މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މިފަދަ މުބާރާތެއް ކުރިޔަށްގެންދިއުމުގެ މަޤުސަދަކަށް ވާން ޖެހޭނީ، ޤުރުއާނަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުކުރުން ކަމަށާއި، މި ފަންނު ކުރިއަރުވައި ތަޖުވީދުމަގުން ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

"ޤުރުއާން އަޅުގަނޑުމެންގެ ދަރިންނަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރު ކުރުން. އަދި ހަމަ އެއާއެކު މި ފަންނު ކުރިއަރުވައި ތަޖުވީދުގެ މަގުން، ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެއްދުން." ނައިބް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައިވެސް ޤުރުއާން ކިޔެވުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ވަނަތައް ހާސިލްކޮށްފައިވާ ބޭފުޅުން ތިއްބެވިކަން ހާމަކުރައްވާ، ނައިބު ރައީސް ވަނީ، އަންނަ ހަފްތާގައި މައްކާގައި ފަށާ ބައިނަލްއަޤުވާމީ މުބާރާތެއްގެ ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިހް އިލްޔާސް ހުސައިން ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

މާދަމާ ފަށާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ޖުމްލަ 1273 ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގަޔާއި އިސްލާމީ މަރުކަޒުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހަނބު

    ބަލަގަ ދޮންކަލޯ މި ރާއްޖޭގަ މިހާރުވެސް ގާރީން މަދެއްނުވާނެ އެމީހުންނަށް ފުރުސަތު ދީބަލަ

  2. ގުއިދައިތަ

    ޙާފިޒުންނަކީ ކޮބައިކަން ނައިބު ރައީސްއަށް އިނގޭބާ؟؟

  3. ކިނބޫރާއްޖެ

    ދިވެހިން ޤުރުއާނަށް އަުލުވެރިވާން ޖެހޭ.
    ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭން ޖެހޭ.
    ކަރަންޓްގެ އަގު ހެޔޮކުރަންޖެހޭ.
    ތަކެތީގެ އަގު ކުޑަ ކުރަންޖެހޭ.
    ފެނާ ނަރުދަމާ ރައްޔިތުންނަށް ބޭނުންވޭ.
    ރަނގަޅު ޞިއްޙީ ނިޒާމެއް ބޭނުންވޭ.
    ތަޢުލީމީ ފުރުޞަތުތައް އިތުރުކުރަންޖެހޭ.

    މިމީހުންގެ ވާހަކަ ރިޔާސީ ކެމޭޕޭންގަވެސް ހުރީ ހަމަ މިހެން. ވެރިކަން ލިބުނީމަވެސް ކަމެއް ކުރާކަށް ނޫޅޭ. ހަމަ ފޮނި އަނގަތެޅުން. އަދިވެސް މިއުޅެނީ ކެމްޕޭންގަ ކަންނޭގެ ރާއްޖޭގަހުރި މައްސަލަތަކުގެ ވާހަކަ ދައްކަން. ބަލަ ރައްޔިތުން ކަލޭމެން ވެރިކަމަށް ގެނައީ މައްސަލަތަކުގެ ވާހަކަ ދައްކާކަށްނޫން. މައްސަލަ ހައްލުކުރަން.