ކަނޑު ދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމަށް ކަމާބެހޭ އިދާރާތަކުން މަޝްވަރާތައް ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވިދާޅުވީ ކަނޑުދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އެޅުން އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ކޯސްޓް ގާޑާއި ފުލުހުންނާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ހދ.ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވުމުން ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރަން ވަރަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކުރުމާ މެދު ގޮތެއް ނިންމާނީ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"މިހާރު ވެސް ވަނީ މަޝްވަރާތައް ކުރެވިފައި. އަދިވެސް މަޝްވަރާތައް ކޮށްފައި ވަކި ގޮތެއް ނިންމާނީ." އާދިލް ވިދާޅުވި އެވެ

ފަސް މީހުން ނިޔާވި ހާދިސާ އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ކަނޑުދަތުރު ކުރާއިރު ފަސެންޖަރުން ލައިފް ޖެކެޓް އެޅުވުން އެއީ ކެޕްޓަންގެ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގައި މިހާރު އާއްމު ގޮތެއްގައި ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން ލައިފް ޖެކެޓް އަޅައިގެން ތިބެނީ ފަތުރުވެރިން އުފުލާ އުޅަނދުތަކާއި، ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އުޅަނދުތަކުގައެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހާދިސާ އަށް ފަހު އެހެނިހެން ފެރީތަކުގައި ވެސް ލައިފް ޖެކެޓް އަޅަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޮހަނު

  ރަގަޅުކަމެއް ނަމަވެސް ދިގު ދަތުރު ކުރާމީހުންނަށް އެއީ ވަރަށް އުނދަގޫކަމެއް، ސަބަބަކީ ދިގު ދަތުރުގައި ރެސްޓްކުރަން އޮށޯތުމާއި އަދި ނިދުންވެސް ހިމެނޭތީ، ކުރު ދަތުރާއު އަދި ސްޕީޑް ބޯޑު ތަކުގައި ތިކަން ކުރެވިދާނެ

  5
  5
 2. މަނިކު

  އެ ފަސް މީހުންގެ ލައިފް ޖެކެޓު އޮތް ނަމަވެސް، އެ 5 މީހުން މިއަދު ދުނިޔޭގައި ނުތިބޭނެ.. އެ މީހުން ނިޔާވީ، ސަތަރި ތެރޭގައި ތާށިވެގެންކަމަށް އެ ދަތުރު ކުރި މީހުން އެ ބުނަނީ.. ކަމެއް ކުރާއިރު، އޭގެ ސަބަބަށް ބަލަންޖެހޭ.. ހެލްމެޓް އެޅުވީ، އެކްސިޑެންޓް ތައް ހިނގާ މައިގަނޑު ސަބަބުކަމަށްވާ، ނުޤަވައިދުން ދުއްވުން ހުއްޓުވަން ނޫޅެ.. ރާއްޖެއަކީ އާއްމުކޮށް ކަނޑު ދަތުރަށް ޑިޕެންޑްވެފައި އޮތް ތަނެއް.. އެލާރޓް އޮންނަ އިރު ދަތުރު ކުރަންޖެހިއްޖެނަމަ، ލައިފް ޖެކުޓު އެޅުން މަޖްބޫރު ކުރުން އޯކޭ..

  12
  1
 3. ސަމްސިއްޔާ

  ތިޔަ ހާދިސާގައި ލައިޕް ޖެކެޓް (އާންމުކޮށް ދޯނިފަހަރުގައި މިހުންނަ) އަޅައިގެން ތިބިނަމަ ސަލާމަތް ވުމުގެ ފުރުސަތު ހަނިވީސް. އެއީ އެމީހުންނަށް ލައިޕް ޖެކްޓާއެކު ބަންޑުން އޮތް ޑިންގީން އަނޑިއަށް ފީނާއި ނިކުންނަން ޖެހޭނެތީ. މަތިންދާ ބޯޑުގެ ސޭފްޓީ އިންސްޓްރަކްޝަންސްގައިވެސް އެމެޖެންސީ ހާލަތުގައި ބޯޑު ކަނޑަށްޖެއްސުމުން ބޯޑުން ނިކުމެ ލައިފް ޖެކެޓް އިންފްލެޓް ކުރަން ބުނަނީ އެހެންވެ. އެކަމަކު އަހަރުމެން އާންނުކޮށް މިގެންގުޅެނީ އެކަލަ ލައިޕް ވެސްޓް އެއްނޫން. ސަތަރިވައްޓާލާފައި އޮންނައިރު ފަސޭހައިން ނިކުމެވޭނެ ގޮތެއް ނޫންނަމަ އެމަރޖެންސީ އެގްޒިޓެއް އިނގޭގޮތަށް ހުންނަންވާނެ.

  10
  2
 4. ޒީ

  އަދި ތިވަރަކުން ނުފުދޭ!
  އެހެން މިބުނީ މިހާރު ދަތުރު ކުރާއިރު މާބޮޑަށް ބަންދުވެފަ ހުންނަ ތަން އެމަޖެންސީ ހާލަތުގަ ފަސޭހައިން ދޮރު ހުޅުވޭނެފަދަ ގޮތެއް ވެސް އެބަޖެހޭ ހުންނާން!