ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ކުރިމަތި ލައްވައިފިއެވެ.

ކުރިން ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައި ވާ ނިހާޔަތު މި މަޤާމަށް ކުރިމަތިލައްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާގެ އިތުރުން މި މަޤާމަށް ކުރިމަތިލައްވާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ. ސަމީރަކީ މީގެ ކުރިން ފަނޑިޔާރުކަމަށް ހުޅުވާލެވުނު ފަސް ފަހަރެއްގެ މަތިންވެސް އެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ. މި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު މަޤާމަށް އައްޔަން ކުރާނީ، ރައީސް އިބްރާހީމް ސޯލިހު އޭގެތެރެއިން ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ނަމެއް ފާސް ކުރުމަށްފަހު އެވެ.

ހަ އަހަރު ވަންދެން ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2015 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވި ނިހާޔަތު ޕީޖީގެ މަޤާމާ ގުޅިވަޑައިގަތީ 2016 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުގައި ތިން އަހަރު ދުވަހު ހުންނެވުމަށްފަހު އޭނާ އެ މަޤާމުން ވަކިވީ މިދިޔަ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.

ނިހާޔަތުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައި ވާއިރު، އިތުރު ދެ އަންހެން ބޭފުޅަކު އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އެވެ.

އަޒްމިރަލްދާ އާއި ޝުޖޫން އައްޔަންކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ މައްސަލަ މިއަދު ވަނީ ތާވަލްކޮށްފައެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ. މިކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަޓޯ

  ނިހާޔަތު ގަދަ އެނގޭ !!!

  2
  6
 2. ލިން

  ބޮޑު ވަގެއް

  1
  4
 3. މަރީ

  މެޑަމް ފާތުން ގެ އަރީސް ބޭފުޅެއް. ޑެޕިއުޓީ ޕީޖީގެ މަގާމް ދެއްވީ މެޑަމް ފާތުން އަރިހުގައި އާދޭސް ދަންނަވައިގެން .

  2
  1