ރަހީނުކޮށްގެން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން އާއި ގުޅޭގޮތުން މަރުގެ ކޮމިޝަނުން ތައްޔާރުކުރި، މައްސަލައިގެ ރިޕޯޓު، ބަހުސް ކުރުމަށް އެކީގައި ހުޅަނޭޅުމަށް، މަރުގެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އެދިވަޑައިގަތީ މުޅި ރިޕޯޓު މެމްބަރުންނާއި ޙިއްސާކުރި ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، އެ ރިޕޯޓު މިއަދު އާންމުކޮށްލާފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުސްނުއްސުޢޫދު ރައީސް ނަޝީދަށް ރިޕޯޓު އެރުވީ، ސިއްރު ހެކިވެރިންގެ ބަޔާންތަކާއި ވެސް އެކުގައެވެ. ފަހުން ޕީޖީ ލީޑަރުންނާއި ބައްދަލު ކުރައްވައި ނަޝީދު ވަނީ އެ ރިޕޯޓުތައް އެކީގައި އެ މެމްބަރުންނަށް އަރުވާފައެވެ.

"ފަހުން އަޅުގަނޑު ގާތުގައި ކޮމިޝަނުގެ ރައީސް އެދިވަޑައިގަތީ މުޅި ރިޕޯޓް އަދި އެޖެންޑާ ނުކުރުމަށް. އެހެންނަމަވެސް ހުލާސާ ރިޕޯޓެއް އެޖެންޑާކުރުމަށް،" ނަޝީދު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިޟްވާންގެ މައްސަލަ އާއި ގުޅިގެން އެޖެންޑާ ކުރެވުނު ބަހުސަށް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވީ، ރިޕޯޓްގެ ޑްރާފްޓް ކޮޕީއެއް މީގެ މަހެއްހާ ދުވަސް ކުރީގައި ހުސްނުއްސުޢޫދު އެމަނިކުފާނަށް އެރުވި ކަމަށާއި، އެ ރިޕޯޓް މެންބަރުންނާ ހިއްސާކޮށް މަޖިލީހުގައި ބަހުސް ކުރެއްވުމަށް އިއުތިރާޒު ނުކުރައްވާކަމަށް ހުސްނުއްސުޢޫދު ވިދާޅުވި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ފަހުން މުޅި ރިޕޯޓު އެޖެންޑާ ނުކުރުމަށް ހުސްނުއްސުޢޫދު އެދިވަޑައިގަތުމުން މަޖިލީހުގެ މިހާރު ކުރިއަށްދާ ޖަލްސާއަށް ބަހުސް ކުރުމަށް ދޫކުރެވިފައިވާނީ، އެދިވަޑައިގަތް ގޮތުގެ މަތީން އެކުލަވާލެވިފައިވާ ހުލާސާ ރިޕޯޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިން މުޅި ރިޕޯޓު ހުށަހެޅުނު މެމްބަރުން ރިޕޯޓުގެ ސިއްރު ހިފަހައްޓަވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިޟްވާންގެ މައްސަލައިގައި މަރުގެ ކޮމިޝަނުން އެކުލަވާލާފައިވާ މުޅި ރިޕޯޓު، ސިއްރު ހެކިވެރިންގެ މަޢުލޫމާތާ އެކީ ޕީޖީ މެމްބަރުން އިއްޔެ އަރުވާފައިވާ އިރު ފަހުން ވަނީ އެ ރިޕޯޓުތައް އަނބުރާ އަތުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދީިދީފާ ގަންނަތަކުރު

    ޙަމަ ހިނި އަންނަނީ މިމީހުން މިއުޅޭ ގޮތުން ކުޑަކުދީންވެސް ނޫޅޭނެ ތިޔަގޮތަށް

  2. އަނިޔާ

    މޮޔައިންގެ އަތައް ކަނޑިދިނީމަ ވާހެން ވެނިމުނީ ދުނިޔެ ޤިޔާމަތް ވުމުގެ ފަހުގެ ބޮޑެތި ޢަލާމަތް ތަކުގެ ތެރޭގައި ތަސަރަފު ނުފުދޭ މީހުން އިސްމަޤާމްތަކަށް ލުންމިވާނެކަމެއް އެކަން މިހާރު ރާއްޖޭގަ މިވަނީ. ސޯހިޙް އަށްދަންނަވާލަން ރާއްޖެ އަށް ތިޔަހެން ނުހައްދަވާ މިމަނިކުފާނުވެސް ޤަވްމް އަދި އަޅުގަނޑުމެންގެވެސް ޤަވްމު