މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ ހަސަން ޒަރީރު މަގާމު އެކަނި ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހުށަހެޅުއްވި އެ އިސްލާހް ފާސްކޮށްފައި ވަނީ 59 މެމްބަރުން ވޯޓާއިއެކުގައެވެ. މި އިސްލާހަށް އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވިއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ކޮމިޓީއިން ފާސްކުރި އިރު މީރާގެ ހުރިހާ ބޯޑު މެމްބަރުންގެ މަގާމު ގެއްލޭގޮތަށްވެސް ހިމެނިއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމަށް އިސްލާހު ހުށަހަޅައި މީރާގެ މުޅި ބޯޑު މެމްބަރުންގެ މަގާމު ނުގެއްލޭ ގޮތަށް ބިލު ވަނީ އިސްލާހު ކޮށްފައެވެ.

ނަމަވެސް ޔަޒީދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ ޒަރީރުގެ މަގާމް ގެއްލޭ ބައި އުނިކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ބިލުގައި މިހާރު ބުނެފައިވާ ގޮތުން ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޔަޒީދުގެ މަގާމް ގެއްލޭނެއެވެ.

މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައި ވެއެވެ. އެކަންވެސް އެ މުއްދަތުގައި ކުރަން ޖެހޭނެއެވެ.