ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރުއާއި އައިޝާ ޝުޖޫން މުހައްމަދަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެކަމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވޯޓު ދެއްވައިފިއެވެ. މޮސްޓާ އަކީ މި ވޯޓުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ މެމްބަރުންގެ ތެރެއިން އެކަމާއި ދެކޮޅަށް ވޯޓު ދެއްވި ހަމަ އެމަނި މެމްބަރެވެ.

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ފާސްވީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 62 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މޮސްޓާ އެކަމާއި ދެކޮޅަށް ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކުވެސް ހުންނެވިއެވެ.

މޮސްޓާ މީގެ ކުރިންވެސް ވަނީ، އަންހެން ފަނޑިޔާރުންނަށް މަޖިލީހުން ރުހުން ދިނުމާއި ދެކޮޅުކަން ހާމަކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށްވެސް އޭނާ ގޮވާލާފައި ވެއެވެ. އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނެރެފައިވާ ރައުޔުގެ ފޮޓޯއެއް ޓްވީޓް ކުރައްވައި މީގެ ކުރިން މޮސްޓާ ވިދާޅުވެފައި ވަނީ، "މިހެން މިކަން އޮތް ނަމަ އަންހެނަކު ފަނޑިޔާރުކަން ދިނުމާއި އެއްކޮޅަށް ނެގޭ ވޯޓުގައި ބައިވެރި ނުވާނަން،" ކަމަށެވެ.

މޮސްޓާ ވިދާޅުވެފައި ވަނީ، މިފަދައިން ކަންކަން ދާކަމަށް ވާނަމަ، ދުވަސް ކޮޅަކުން ދީނީ ޢިލްމު ކިޔަވައިގެން ތިބި މޮޅެތި އަންހެނުން ހުކުރު ކުރުމުގެ ހުއްދައަކަށް ފޮނުވާކަށް ވެސް ފަހެއް ނުޖެހޭނެ ކަމަށެވެ.

އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުން ރުހުން ދީފައިވާއިރު، ސުޕްރީމް ކޯޓުގައި މިވަގުތު ހުސްވެފައިވާ ފަނޑިޔާރު ކަމުގެ އިތުރު މަޤާމަކަށްވެސް އަންހެން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ. މިކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދޮންބެ

  މޮސްޓާ އަކީ ބަތޮލެއް.

  27
  1
 2. ޢަހުރެން

  ތިބާ ސާބިތު ކުރައްވާށި.. ހައްޤު ހޯދަން އުޅޭ މީހަކަށް މަތިން ބާރު ދެއްވާނެ

  30
  1
 3. ޑިއާ

  މޮސްޓާއަށް ސާބަސް. ތިއީ ބަތަލެއް. ތިޔަ މަޖިލީހުގައި ތިގުތުގަ ސާބިތުކަންމަތީ ހުންނާތި.

  19
  1
 4. ހހހހހ

  ތިބާއަށް ﷲ ރަހްމަތް ލައްވާށި. އާމީން.

  13
 5. ނަޖްވާ

  މީ ވަރުގަނދަ މޮންސްޓާ އެންނު! ކޮންތާކުން އައިސް ތިބޭ ބަޔެއްތަ މީ!

 6. ފިރުޓޭ

  މީ ރަށްރަށު މީހުން މަޖްލިހަށް ހޮވާ މީހުންގެ ފެންވަރު!

  1
  5
 7. އަދާލަތު

  މޮސްޓާ އަށް ފަށްފަށުން ޝުކުރު ދަންނަވަން. ތިޔަ ބޭފުޅާއަކީ، ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ދަމަހައްޓާ ނެގެހެއްޓުމަށް މަސައްކަތްކުރައްވާ ބަޠަލެއް. މާތްﷲ ތިބާޔަށް ދެދުނިޔޭގެ ހެޔޮ ރަޙުމަތް ލައްވާށި. އާމީމް