މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އަންނަ މަހު އިއުލާންކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ފުރިހަމަ ކަންމަތީ އެއްވެސް ދައްޗެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަނުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތަކީ ވޯޓާސް ލިސްޓް އެކުލަވާލުން ކަމަށާއި އެލިސްޓް އަންނަ މަހު އިއުލާން ކުރާނެ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ. އަދި އަންނަ މަހު ވޯޓާސްް ލިސްޓް އިއުލާނު ކުރިޔަސް ރީ ރަޖިސްޓްރޭޝަން ހުޅުވާލާނީ ޖޫން މަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ކުރަމުންދާ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިިފައިވާ ކަމަށާއި އިހްތިހާބަށް ގިނަ ދުވަސްތަކެއް އޮއްވައި ވޯޓާސް ލިސްޓް އިއުލާން ކުރަން ނިންމީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ބޭނުންވާ ވަގުތުު ދިނުމަށް ކަމުގައިވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަންނަ މަހު ވޯޓާސް ލިސްޓު އިއުލާންކުރަން ނިންމާފައިވާ އިރު، އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ވެސް އަންނަ މަހު އިއުލާންކުރާނެ ކަން އީސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.