އަވަށްޓެރި އިންޑިއާގެ މިނިސްޓާރ އޮފް އެކްޓާނަލް އެފެއާސް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫނު މަރުހަބާ އަކާއި އެކު ޑރ. ޖަޔަޝަންކަރާއި ރައީސް ބައްދަލު ކުރައްވައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުންނާއި މި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗައްވެސް އަލި އަޅުވާލާފައެވެ.

ޑރ. ޖަޔަޝަންކަރަކީ ކުރިން އިންޑިއާގެ ފޮރިން ސެކްރެޓަރީ މަގާމުގައި ހުރި ބޭފުޅަކަށް ވާއިރު، އެ ގައުމުގެ އެކްސްޓާނަލަ އެފެއާސް މިނިސްޓަރަކަށް އެބޭފުޅާ އައްޔަން ކޮށްފައި ވަނީ ދާދި ފަހުންނެވެ. ރައީސް ސޯލިހު ވަނީ އެބޭފުޅާ މި މަގާމަށް އައްޔަން ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވައި، ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ޑރ. ޖަޔަޝަންކާ ރާއްޖެ ވަޑައިގެންފައި ވާއިރު، ކުރިން އެ މަގާމުގައި ހުންނެވި ޝުޝްމާ ސްވަރާޖް އަވަހާރަވުމަކީ އިންޑިއާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަން ފާހަގަކޮށް ރައީސް ވަނީ އޭނާ އަށް ތައުޒިޔާ ރައްދުކުރައްވާފައެވެ.

މުސްތަގުބަލުގައި ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވާއިރު، މީގެ ތެރޭގައި އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެ ތަރައްގީކުރުމާއި، ވިޔަފާރިއާއި، ސަރަޙައްދީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ. އަދި މިކަންކަން ހާސިލް ކުރުމަށްޓަކައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެވުނު އެއްބަސްވުންތަކާއި މިހާރު ކުރިއަށް ދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނޭ ކަމަށް ޑރ.ޖަޔަޝަންކާ ވަނީ ފާހަގަކުރައްވާފައެވެ.