މައި ކޮލެޖުގައި ހިންގާ އެކި ކޯސްތަކުން 1088 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ގިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ހިންގާ ސެޓްފިކެޓް، ޑިޕްލޮމާ، ޑިގްރީ އާއި އެސޯސިއޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ ލެވެލްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނާއި ވަނީ އެކަމުގެ ސަނަދު ހަވާލުކޮށްފައެެވެ.

މި އަހަރު 45 ކޯހަކުން ދަރިވަރުން ވަނީ ވަނަ ހާސިލްކޮށްފައެވެ.

މައި ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: މައި ކޮލެޖް

މައިކޮލެޖުގައި ޤާއިމު ވެފައިވާ ހަތަރު ފެކަލްޓީ ގައި ތަފާތު އެކި ފެންވަރުގެ 75 ކޯހެއް ގައި މިވަގުތު ދަރިވަރުން އުނގެނެމުންދެއެވެ. މީގެ ތެރެއިން ބައެއް ޕްރޮގްރާމްތަކަކީ ދުނިޔޭގެ ފެންވަރުގައި އެކި ކާމިޔާބީ ހޯދާފައިވާ އެކި އިންސްޓިޓިއުޝަން ތަކުގެ ސަނަދު ހާސިލް ކުރުމަށް ފުރުސަތު ލިބިދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.

މިދިޔަ ހަތަރު އަހަރު 4000 އަށް ވުރެ ގިނަ ދަރިވަރުން އެ ކޮލެޖުން ދަސްވެނިވެފައި ވެއެވެ.

މީގެ 14 އަހަރު ކުރިން ހުޅުވި މައި ކޮލެޖުން، ރާއްޖޭގެ އެކި ހިސާބުތަކުގައި 19 ގޮފި ގާއިމްކޮށްގެން ތައުލީމް އުނގައިންނައިދެމުން ދެއެވެ. އަދި އެތަނުން މިހާރު ދަނީ 19 ޕްރޮގްރާމެއް އޮންލައިން މޯޑުގައި ހިންގަމުންނެވެ.