ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަކީ މިހާރު ވަރަށް ހަލުވި ކަމާއި އެކު ދިވެހިންގެ އިތުބާރު ހޯދަމުން އަންނަ ހޮސްޕިޓަލެއް ކަމުގައި ވާއިރު، ދާދި ފަހުން އެ ހޮސްޕިޓަލުން މިވަނީ ކާމިޔާބު ކަމާއި އެކު ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.

އުމުރުން 57 އަހަރުގެ ބަލިމީހެއްގެ ބޮލުގައި ޓިއުމަރެއް ހުރުމުން އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުން ގުޅިގެން ވަނީ އެ މީހާގެ ބޮލުގެ ނާށިގަނޑު ފަޅާލުމަށް ފަހު ބޮލު ތެރޭގައި އިން ޓިއުމަރެއް ނަގާފައެވެ. މިބާވަތުގެ އޮޕަރޭޝަންތަކަށް ކިޔަނީ ފްރަންޓަލް ކްރަނިޓޮމީ ކަމުގައި ވާއިރު، މިއީ އެ ހޮސްޕިޓަލުން މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ބޮލުގެ ނާށިގަނޑުގެ ކުރިމަތިން ތަންކޮޅެއް ފަޅާލުމަށް ފަހު މި އޮޕަރޭޝަނަށް ފަހު އެ ތަންކޮޅު އަލުން ބޮލުގައި ހަރުކޮށް، ރަނގަޅަށް ފަހާލާނެއެވެ.

މި މަހުގެ ދެ ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ކުރި މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ހުއާން ލޮއުރީޑޯ ވިދާޅުވެފައި ވަނީ މި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ކުރެވުންކަން އިއުލާން ކުރަން ވަރަށް އުފާވާކަމަށެވެ.

"އަހަރެމެން ވަރަށް އުފަލާއި އެކު މި ބުނެލަނީ މި އޮޕަރޭޝަން ދިޔައީ ވަރަށް ކާމިޔާބުކޮށް. މި އޮޕަރޭޝަންގެ ސަބަބުން ޕޭޝަންޓުގެ ތަދު ކުޑަވެ، އަހަރެމެން ދެން ކުރަންވީ ކަންތައް ދެނެގަންނަން ފަސޭހަވެގެން ދާނެ" ޑރ ހުއާން މައުލޫމާތު ދެއްވިއެވެ.

އެ ހޮސްޕިޓަލުގެ ނިއުރޯސާޖެރީ ޓީމުން މިކަން ކާމިޔާބު ކަމާއި އެކު ނިންމާލިއިރު ޑރ ހުއާން އަކީ ސްޕެއިންގެ ސަން ރޯކް ހޮސްޕިޓަލުގައި ހެޑް އޮފް ނިއުރޯސާޖެރީގެ މަގާމުވެސް އަދާކޮށް، ކެނަރީ އައިލޭންޑްސްގެ ހޮސްޕިޓަލެއްގައިވެސް އިސް ދައުރެއް އަދާކޮށްފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން، ހާވާޑް ޔުނިވާސިޓީ އާއި މެލްބާން ޔުނިވާސިޓީގެ އިތުރުން ލަންޑް ޔުނިވާސިޓީ ފަދަ ދުނިޔެއަށް މަޝްހޫރު ޔުނިވާސިޓީ ތަކުގައި ވިޒިޓިންގެ ލެކްޗަރާ އެއްގެ ގޮތުގައި މަސައްކަތް ކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ޓެކްނޮލެޖީގެ ގޮތުން އެންމެ ފަހުގެ އާލާތްތަކާއި އެކު ޓްރީޓޮޕްގައި މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރަމުން އަންނައިރު، ދާދި ފަހުން އެ ހޮސްޕިޓަލުގައި ވަނީ ކަންފަތް ބީރުވި މީހެއްގެ އިވުން ކާމިޔާބު ކަމާއި އެކު އަލުން އިޔާދަވެސް ކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރުގޮނު

    ވަރަށް އުފާވެރި ޚަބަރެއް. ޑޮކްޓަރުންގެ ޓީމަށާ ޓްރީޓޮޕް ހޮސްޕިޓަލަށް މަރުޙަބާ ދަންނަވަން. އޮޕްރޭޝަން ކުރެވުނު މީހާއަށް އަވަސް ޝިފާއަކަށް އެދެން.

    24
  2. މުފައްކިރު.

    ދިވެހިންގެ ބިމުގަ ދިވެހިންނަށް އެންމެ ޒަމާނީ ސިއްޙީ ޚިދުމަތް ފޯރުކޮށް ދެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވި ހަރުދަނާ ވިސްނުން ފުޅުގެ ނަތީޖާ މިއަދު ފެނި އަޑުއިވެމުން މިދަނީ . ޝުރިއްޔާ ރައީސް ޔާމީން. ޝުކުރިއްޔާ ޓްރީޓޮޕް.

    14
    2
  3. މެޑިކަލް ޓުއަރިޒަމް

    ޓްރީޓޮޕް ހޮސްޕިޓަލަކީ ވެސް ރައީސް ޔާމީންގެ ތަސައްވުރެއް.

    15