އެކްސްޕޯޝަރ ދަތުރެއްގައި، ވިލާކޮލެޖްގެ 45 ދަރިވަރަކު ތުރުކީއަށް ދިއުމަށްޓަކައި މިއަދު ފުރައިފިއެވެ.

ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މެނޭޖްމެންޓާއި ގުޅިގެން ރާވައިފައިވާ މިދަތުރުގައި ތުރުކީގެ 6 ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ތުރުކީގެ ބައެއް ޔުނިވާރސިޓީތަކުގެ އިތުރުން ތާރީޙީ ބައެއް ތަންތަން ބަލާލަން ދިއުމަށް ހަމަޖެހިފައި ވެއެވެ.

މި ދަރިވަރުން ތުރުކީއަށް ކުރުމަށް ނިންމާފައި ވަނީ 9 ދުވަހުގެ ދަތުރެކެވެ. މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓާސް، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުން ހިމެނެއެވެ.

މި ދަތުރުގައި ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަސްގެ ދަރިވަރުންގެ އިތުރަށް އަތޮޅުތެރޭގެ ކެމްޕަސްތަކުންވެސް ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ސްޓޫޑެންޓް އެސޯސިއޭޝަނުން މައުލޫމާތުދޭގޮތުގައި މި ފަހަރުގެ މި ދަތުރު ތުރުކީއަށް ދިއުމަށް ރާވާފައިވަނީ ތުރުކީ އަކީ އިސްލާމީ ގައުމަކަށް ވެފައި، ގަދީމީ ގޮތުން ބަލާއިރުވެސް ވަރަށް ގިނަ ކަންތައްތަކެއްވާ ގައުމަކަށް ވާތީކަމަށެވެ.

ވިލާ ކޮލެޖު ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުވެސް ވަނީ ދުނިއޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމުކަމަށް ވާ ޔޫއޭއީގެ ދުބާއި އަދި އަބޫދާބީ ސިޓީއަށް ހަތް ދުވަހުގެ ދަތުރެއް ކޮށްފައެެވެ.އެަ ދަތުރުގައި ދަރިވަރުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދިޔައެވެ.

މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ ފަރާތުންނެވެ.