އެސްޓީއޯއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ތަކެތީގެ އަގުތައް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގުހެޔޮކުރީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމާއި، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔާފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުންކަމަށެވެ. އަދި ހާއްސަގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުރުމުގެ ސާމާނު ބާޒާރުގައި ހެޔޮއަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަކީވެސް މީގެ ބޭނުމެއްކަމަށް އެސްޓީއޯއިން ބުނެއެވެ.

"އެސްޓީއޯ ކޮންސްޓްރަކްޝަންއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށްވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި" އެސްޓީއޯއިން އާއްމުކޮށްފައިވާ ބަޔާނެއްގައިވެއެވެ.

އެސްޓީއޯއިން ވަނީ ހިލަ، ހިލަވެލި، ހިމޫންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގުތައް ހެޔޮކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުންދާ، އެސްޓީއޯ ކޮންސްޓްރަކްޝަންއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވިގޮތެއްގައި ހަމަޖައްސައި ދިނުމަށްކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއްހަމައެއްގައި ހިފެހެއްޓުމަކީވެސް އެސްޓީއޯގެ މުހިއްމު އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު