ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ގިނަ ހަރަކާތްތައް، ދުނިޔޭގެ ރެކޯޑަކާއެކު ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ހޮޓެލް ޖެން ގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ވަ. އަތޮޅުން ފަށައިގެން މި ހަރަކާތްތަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެމްބަރ 27 އެވެ. މި ދުވަހުގެ ހަރަކާތްތަށް ފެށިގެންދާނީ 26 ވަނަ ދުވަހު ފެލިދޫގައި ބޭއްވޭ ޖަޒީރާ ކެނޯ ރޭހަކުންނެވެ. މި ރޭހުގައި އަންހެން އަދި ފިރިހެން ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ބައިވެރިވުމަށް ދައުވަތު ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތެއްގެ ގޮތުގައި ފެށުމަށް ހަމަޖެހިފައިވާ ކެނޯ ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ވ. ކެޔޮދޫ އިންނެވެ. ކެޔޮދޫއިން ވ. ފެލިދޫ އާއި ހަމައަށް އަންހެން ޓީމު ކެނޯގައި ފަލިޖެހަމުންގޮސް ފެލިދޫ އިން ކެނޯ އާއި ހަވާލުވަނީ ފިރިހެން ޓީމެވެ. މިޓީމު ފަލި ޖެހުމަށް ހަމަޖެހިފައިވަނީ ވ. ތިނަދޫ އާއި ހަމައަށެވެ.

27 ވަނަ ދުވަހު ބަރޮސްގެ ފަޅު ތެރޭގައި، ފްރީޑައިވް ވޯލްޑް ރިކޯޑް ހެދުން އޮންނާނެއެވެ. މި ހަރަކާތުގައި 500 މީހުން ބައިވެރިވާނެއެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަން ޓްރޫ ބްރިޖް ބައިވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 28 ވަނަ ދުވަހު ޓޫރިޒަމް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ޖޮބް ފެއާއެއް މާލޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފެއާއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

 

އަންނަ މަހުގެ އެއް ވަނަ ދުވަހުވެސް މިދުވަހުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހު އަނގޮޅިތީމުގައި ވިޒިޓާސް ސެންޓަރުގެ ބިންގާ އެޅުން އޮންނާނެ އެވެ. މިނިސްޓަރ ވިދާޅުވީ، މި ސެންޓަރ ހުޅުވަން ނިންމާފައިވަނީ އަންނަ އަހަރު ރައީސް ނަޝީދުގެ އުފަންދުވަހުގައި ކަމަށެވެ.

އޮކްޓޯބަރ 2 ވަނަ ދުވަހު ޓޫރިޒަން އޯޕަން ޑޭ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަހު ސްކޫލްގެ ދަރުވަރުންނަށް ޓޫރިޒަމް މިނިސްޓްރީ އަށް ޒިޔާރަތް ކުރެވޭނެއެވެ. އޭގެ ޖެހިގެން އަންނަ ދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ކިޑްސް ފުޓްބޯލް ފިއެސްޓާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ވިދާޅުވީ، މި މުބާރާތުން ހޮވާލެވޭ ކުދިންނަށް ގައުމީ 13 އަހަރުން ދަށުގެ ޓީމުން ޖާގަ ލިބިގެންދާނެ ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައެވެ. ފިއެސްޓާގެ ޗީފް ގެސްޓް އަކަށް ވަޑައިގަންނަވާނީ ރިއަލް މެޑްރިޑް އާއި ސްޕެއިންގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ ކަމަށްވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

 

އޮކްޓޯބަރ ހަތަރު ވަނަ ދުވަހު ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ނައިޓް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެރެޑައިސް އައިލޭންޑް ރިސޯޓުގައެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބޭއްވޭ މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ. އަދި ހަރަދުތައްވެސް ކުރަނީ އިންޑަސްޓްރީއާއި ގުޅިގެން ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދާ ސްޕޮންސަރުންނަށް ވަނީ ސްޕޮންސާޝިޕް ލިޔުން ހަވާލުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނޑޯސް ރިޒޯޓް

    މާ ތާހިރެއްނު ރިޒޯރޓް މުވައްޒަފުންގެ ހައްޤުތައް ހޯދައި ދިނިއްޔާ. ހުރިހާ ދިވެހިންގެ ވަޒީފާ ގެއްލި ބޭރު މީހުން ގިނަ ވަނީ

  2. ޞިރާޠު

    ރެކޯޑެއް ހެއްޖަސް ކެސެޓެއް ހެއްޖަސް ތިޔަ ފެންނަނީ ރައީސް ޔާމީންގެ މަސައްކަތްުގެ ނަފާ! 2020 ނިމޭއިރު މުޅިން އަލަށް 75 ރިސޯޓް ހުޅުވުމަށް އަމާޒުހިފައި އޭގެތެރެއިން ބައެއް ރިސޯޓްތައް ތިދަނީ ހުޅުވައި ރިބަން ކަނޑަމުން. މިކަމުގައި ކަލޭގެވެސް ކަލޭ ނިސްބަތްވާ ސަރުކާރުގެވެސް އެއްވެސް ވަރެއްގެ ހިއްސާއެއް ނޯންނާނެ! ލަދުކޮބައި؟

  3. ޝުކުރިއްޔާ

    ހުރިހާ ޝުކުރެއް ކުރީގެ ސަރުކާރަށް.