ގާލް ގައިޑް އެސޯސިއޭޝަނާއި ދިރާގު ގުޅިގެން 21 ވަނަ ޤައުމީ ޕެޓްރޯލް ލީޑާސް ކޭމްޕް މިއަދު ނިންމައިފިއެވެ. މިއަހަރުގެ ކޭމްޕްގެ ޝިއާރަކީ "ސާރފް ސްމާޓްއެވެ.

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރިއަށް ގެންދިޔަ މި ކޭމްޕް ބާއްވާފައިވަނީ ކ. މާފުށީގައެވެ. މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީގް ވިދާޅުވީ، މި ކޭމްޕް އަކީ ކޮންމެ ބައިވެރިއަކަށް ވެސް އެންމެ ފަހަރަކު ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކޭމްޕަކަށް ވިއަސް ބައިވެރިވާން ބޭނުން ކުދިންގެ އަދަދު ގިނަ ވުމުން ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރެވިފައިވާކަމަށެވެ.

ދިރާގާއި ގުޅިގެން ބޭއްވި 21 ވަނަ ޤައުމީ ޕެޓްރޯލް ލީޑާސް ކޭމްޕް ނިންމުގެ ރަސްމިއްޔާތު ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނިއުމަތު ވިދާޅުވީ، މި ކޭމްޕްގެ ސަބަބުން ދަރިވަރުން އިންޓަނެޓް ބޭނުންކުރާނެ ރަނގަޅުގޮތްތަށް އެނގިގެން ގޮސްފައިވާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ގާލް ގައިޑުންނަކީ އަބަދުވެސް ކަމަކަށް ތައްޔާރުވެގެން ތިބޭ ކުދިން ކަމުގައެވެ. އަދި މި ފަދަ ޕްރޮގްރާމް ތަކަކީ މުސްތަގްބަލަށް ދިމާވެދާނެ ކަމަކަށް ދެވޭ ތަމްރީނެއް ކަމުގައެވެ. ގާލް ގައިޑުންނަކީ އަބަދުވެސް މުޅި މުޖުތަމައަށް ރީތި މިސާލެއް ދައްކާ ކުދިންނެއް ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ދިރާގާއި ގުޅިގެން ބޭއްވި 21 ވަނަ ޤައުމީ ޕެޓްރޯލް ލީޑާސް ކޭމްޕް ނިންމުގެ ރަސްމިއްޔާތު ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނައިބް ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމަކަށް ދަތުރުކުރަމުން ދާއިރު އަންހެން ބޭފުޅުންގެ ހިއްސާ ވަރަށްބޮޑަށް އިތުރުކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެން ބަލައިފި ނަމަ، އަޅުގަނޑުމެންނަށް އެބަ ފެނޭ ވަކިން ހާއްސަކޮށް ރަށްރަށުގަ އަންހެނުންގެ ކޮމިޓީ ތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުން ވަރަށް ގިނަ ގުނަ މަސައްކަތްތަށް ކުރަމުން އެބަދޭ. ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭ" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޭމްޕް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްފިން ފަރާތްތަކަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި އައިޓަމް ފުރިހަމަ ކޮށްދެއްވީ، ނައިބު ރައީސެވެ.

ދިރާގާއި ގުޅިގެން ބޭއްވި 21 ވަނަ ޤައުމީ ޕެޓްރޯލް ލީޑާސް ކޭމްޕް ނިންމުގެ ރަސްމިއްޔާތު ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެގޮތުން ދިރާގު، މޯލްޑިވްސް ޕޮލިސް ސާރވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ވަނީ ހަނދާނީ ފިލަ އަރުވާފައެވެ.