ހައްދުންމަތި މާމެންދޫގައި އެމްޑީޕީގެ ބޮޑު ދިދަ ނަގާފައި ހުރި ގަހަށް ރޭ ބައަކު ޓިނު ދިދައެއް ނަގައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލް ހޯދުމަށް "ވަގުތު" އިން ކުރި މަސައްކަތް އަދި ކާމިޔާބު ވެފައި ނުވާ އިރު މާމެންދޫ އެމްޑީޕީގެ ބޮޑު ދިދަ ނަގާފައި ގަހަށް ބަޔަކު ޓިނު ދިދަ އެއް ނަގާފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ދާދި ފަހުން މާމެންދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރުމުން ކަނޑު ތޮށީގަ ދިދަ ނަގާފައިވާއިރު، ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ސަރުކާރަށް ގޮވާލައި ގަރާރެއްވެސް އެރަށު ކައުންސިލުން ވަނީ ނެރެފަ އެވެ.

މީގެ ކުރިން މާމެންދޫ ބަނދަރުމަތީގައި ހުރި ފިތުރޯނުގަހެއްގެ މަށްޗަށް ނަގާފައިވާ ބިމުން ފެށިގެން 40 ފޫޓަށްވުރެ އުހުގައި ހުރި ދިދަ އެއް ފުލުހުންވަނީ ނަގާފައެވެ.

ބައެއް ރަށްތަކުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. އަދި ފުލުހުންނަށް ފަސޭހައިން ނުނެގޭ ދިދަތައް، ބިދޭސީން އަރުވައިގެންވެސް ދަނީ ނަގަމުންނެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެއެވެ.

އެހެންކަމުން މިހާރު ބައެއް ރަށްރަށުގައި ސިޔާސީ ޕާޓީތަކުން ނަގާފައިވާ ބޮޑެތި ދިދަތައް މިހާރު ހުންނަ ގޮތަށް ނަގާފައި ބެހެއްޓުން ވަނީ މަނާވެފައެވެ.