ދިވެހިރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން (ޑަބްލިވްއެޗްއޯ) އިން ވަނީ ހާއްސަކޮށް އެވޯޑެއް ދީފިއެވެ.

ހެލެތް މިނިސްޓްރީން ވިދާޅުވީ، ޑަބްލިވްއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ސަރަހައްދުގެ ގައުމުތަކުން ސިއްހީގޮތުން ހޯދާ ކާމިޔާބުތައް ފާހަގަކޮށް ޑަބްލިވްއެޗްއޯ އިން ސެޓްފިކެޓާއި އެވޯޑް ދީފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ބަލިތައް ނައްތާލާ ކޮންޓްރޯލުކޮށްފައިވާކަމުގެ ލިޔުން ގައުމުތަކާއި ހަވާލުކޮށްފައި ވެއެވެ.

ޑަބްލިވްއެޗްއޯގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ނިންމާލާފައި ވަނީ މިއަދުއެެވެ. މި ސެޕްޓެމްބަރު މަހުގެ 2 ން 6 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި މި ސަރަހައްދުގެ 11 ގައުމެއްގެ ސިއްހަތާއި ބެހޭ ވަޒީރުންނާއި، އިސްބޭފުޅުންގެ އިތުރުން ޑަބްލިވްއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލްއާއި މި ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އދގެ ކަމާގުޅޭ ޖަމިއްޔާތަކާއި ސިއްހަތާއި ގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ސިއްހަތާއި ގުޅޭ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ދެއްވިކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ހެލެތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި މިސަރަހައްދުގެ ސިއްހަތާއި ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު މިބައްދަލުވުމުގައި ގައުމުތަކުގެ ސިއްހަތާއި ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާ ތަމްސީލްކުރެއްވި އިސްވެރިންވަނީ ސިއްހީ ދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ހާލަތްތަކަށް ރައްކާތެރިވެ ތިބުމާ ބެހޭ ހާއްސަ ޑެކްލަރޭޝަންއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ޑެކްލަރޭޝަން، ސަރަޙައްދުގެ މެމްބަރު ގައުމުތަކަށް ކުރިމަތިވާ ސިއްހީ އިމަރޖެންސީ ހާލަތްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރަކަށްވެގެންދާނެއެވެ.

އަދި މި ބައްދަލުވުމުގައި މިސަރަހައްދުގެ ސިއްހީދާއިރާގެ ގިނަ މައުޟޫތަކަށް މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ނިންމުނެވެ. މިގޮތުން މިސަރަހައްދަށް ގައުމުތަކުން ޓީބީއާއި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ސިއްހަތަށް ކުރާ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުން މަސައްކަތް ކުރާނެ އެކްޝަން ޕްލޭންތަކާއި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްހީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރައްވާފައިވާކަަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

މިބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ވަފުދުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މުހިންމު ތަފާތު ދާއިރާތަކުން ހުށަހެޅުންތައް ހުށަހެޅިއެވެ.

މިބައްދަލުވުމުގެ ހަވާސާގައި ތައިލޭންޑްގެ ވަފްދާ ބައްދަލުކުރައްވާ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކޮށް، އިތުރަށް އެހީ ބޭނުންވާ ދާއިރާތަކާއިމެދު މަޝްވަރާކުރެވުނުކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.