އައްޑޫ ސިޓީ ގަމުގައި މީގެ ކުރިން އިނގިރޭސިން އުޅުނު ދުވަސްވަރު، އެފަރާތްތަކުން ޤާއިމްކޮށްފައިވާ ތެޔޮ ތާނގިތައް އަލުން ބޭނުން ކުރަން ނިންމައިފިއެވެ.

ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ވުމުން މަރާމާތު ކުރުމަށްފަހު މި ތާނގިތައް ބޭނުން ކުރުމަށް ތައްޔާރުވަމުން ދަނީ، ތެލުގެ ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ކުންފުނި ކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް "ސީއެންއެމް" ނޫހުގައި ވިދާޅުވެފައި ވަނީ، ގަމުގައި އިނގިރޭސިން ހަދާފައި ހުރި ތާނގިތައް ބޭނުންކުރެވެން ފެށުމުން އައްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެ ކުންފުންޏަށް ޚަރަދުގެ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ގަމުގައި އިނގިރޭސިން ހަދާފައިވާ ބޮޑު ތެޔޮ ތާނގިތައް އެފްއެސްއެމް އިން މަރާމާތުކޮށް ބޭނުންކުރަން ފަށަން ތައްޔާރުވަމުން މި ދަނީ، އިނގިރޭސިން ގަމުން ފޭބިފަހުން އެ ތާނގިތައް ބޭނުން ނުކޮށް އަދި މަރާމާތެއް ނެތި އެތައް އަހަރެއް ވެފައި ވުމުން ތާނގިތަކަށް ގެއްލުން ލިބިފައި ވަނިކޮށެވެ.

އެފްއެސްއެމް އިން މިހާރު، މި ތާނގިތައް މަރާމާރުކޮށް ބޭނުން ކުރަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އައްޑޫގައި ހުރި ތެޔޮ ތާނގިތައް އެފްއެސްއެމް އިން ބޭނުންކުރަން ފެށުމުން އެ ކުންފުންޏަށް ޚަރަދު ކުޑަވެގެން ދިޔަނަމަވެސް، އައްޑޫގައި ތެލުގެ އަގަށް ބަދަލެއް އަންނާނެ ކަމެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިން އައްޑޫ ދޫކޮށްލާފައިވަނީ 1976 ވަނަ އަހަރުގައެވެ. އިނގިރޭސިން އައްޑޫ ދޫކޮށްލާފައި ދިޔައިރު އައްޑޫގެ އަދި މުޅި ރާއްޖޭގެ ދަތުރުފަތުރަށްވެސް ބޮޑު އިންގިލާބެއް ގެނެސް ދީފައި އޮތެވެ. ރާއްޖޭގައި ބިނާކުރި ފުރަތަމަ އެއާޕޯޓަކީ ގަމުގައި އިނގިރޭސިން ތަރައްގީ ކުރި އެއާޕޯޓެވެ. މީގެ އިތުރުން ކޯޒްވޭތަކުން އައްޑޫގެ ގިނަ ރަށްތައް ގުޅާލީ ވެސް އިނގިރޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލާ

    އައްޑޫގައި އިނގިރޭސިން ހަދާފައި ހުރި ތެޔޮ ތާނގިތައް އަލުން ބޭނުންކުރަން ފަށަނީ

    2 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 6, 2019 )

    މިސަރުކާރުން މިވީވަރަކީ އައްޑުވަށް ބަލަދުއަރާފަވާ މުސްކުޅި ބާކުލި އިނގިރޭސި ބާދަނގަނޑު

    ފުންޏެއް ބޮލުގައެޅުވީ ދޯ؟ ސާބަހޭ.