ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި، އެމަނިކުފާނުގެ އިރުޝާދުގެ މަތީން، ހޮނޑައިދޫއަށް ފުލުހުން އަރައި، "އިއްޒަތްތެރިން" ގައިގައި ތަޅައި އަނިޔާކުރިއިރު އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށާއި، އެ މައްސަލައިގައި ރައީސް ވަހީދު "ދަމާ ކޫއްތާފައި ގެންގޮސް" ޖަލަށްލާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަސް ވިދާލުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 46 ވަނަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ޖާބިރު ވިދާޅުވީ، ރައީސް ވަހީދަށް އެމަނިކުފާނުގެ މަސްއޫލިއްޔަތު އެނގިވަޑައިގަންނަވާއިރުވެސް ޤައުމުގައި ތިބި އިއްޒަތްތެރިންނާއި ބެހިފައިވާ ކަމަށާއި ހޮނޑައިދޫއަށް ފުލުހުން އަރައި އެބޭފުޅުންނަށް އަނިޔާ ކޮށްފައި ވަނީ ރައީސް ވަހީދުގެ އަމުރަށް ކަމަށެވެ.

"ކޮންތާކުތޯ މިއަދު ވަހީދު ވީ. އޭނާ ހުރިތާކުން ގެނެސް އޭނާ ޖަލަށް ލާނަން އަޅުގަނޑުމެން. މި މަޖިލީހަށް އަޅުގަނޑު މި އައީ އޭނާ ޖަލަށްލާން. ދަމާ ކޫއްތާ އޭނާ ގޮސް ޖަލަށް ލާނަން އަޅުގަނޑުމެން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި މައްސަލައިގައި ފުލުހުންނާއި ސިފައިންނާއި މެދު އެ މައްސަލައިގައި އެއްވެއް ޝަކުވާއެއް ނެތް ކަމަށާއި، އެކަމުގައި އެފަރާތްތަކަށް މަޢާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަރާތްތައް މެދުވެރިކޮށް ހިންގި ކަންކަމާއި ގުޅިގެން ރައީސް ވަހީދު ޖަލަށް ލާން ޖެހޭނެ ކަމަށް ތަކުރާރުކޮށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މިއަދު ހުރިހާ ފަރާތްތަކަށް މަޢާފް ކޮށްފިން. ފުލުހުންނަށާއި ސިފައިންނަށް ވެސް މަޢާފްކޮށްފިން. ނަމަވެސް އެކަމާއި އަޅުގަނޑާއި އަދިވެސް މައްސަލަ އެބައޮތް. އެއީ ވަހީދު. ވަހީދު ޖަލަށް ލާން ޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވެފައި ވަނީ އޭރު ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތީވެސް ބަޣާވާތެއް ކޮށްގެން ކަމަށެވެ. އެހެންކަމަށްވުމުން ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެމަނިކުފާނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ހޮނޑައިދޫ އިން ޖާބިރު ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ދުވަހު ޖާބިރުގެ އިތުރުން އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ޙާމިދު އަބްދުލްޣައްފޫރާއި، ކުރީގެ މިނިސްޓަރ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އާއި އަދިވެސް ބައެއް އެހެން މީހުން ހައްޔަރުކުރީ ކުށެއްކޮށްގެން ނޫންކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ހޮނޑައިދޫ މައްސަލައިގައި ޖާބިރު ހައްޔަރުކޮށް ދައުވާ އުފުލީ ޔޫރިން ދޭން ދެކޮޅު ހެދުމުންނެވެ. އެމައްސަލައިގައި ޖާބިރުގެ މައްޗަށް އެއް އަހަރުގެ ޖަލު ޙުކުމެއް ވެސް އައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖާބިރަށް މަޢާފް ދެއްވާ ދޫކޮށްލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބޮބޮ

  ތީޖަލުގެ ވެރި މީހާތަ ؟

  25
  1
 2. ކުކުޅު

  ހާދަ ރީތިވެގެންނެވެ ތިހިރީ

  12
 3. ޓޮޓޯ

  ޕުރޮފެސަރު ޖާބީ

  15
  1
 4. ޢަހުމަދުއަލީމަރީ

  މީނާ ބުއްދިސަލާމަތުންހުރިތޯ ބަލަން ހޮސްޕިޓަލަށްގޮސް ޓެސްޓެއްހަދަން އަދިވެސްނުވޭބާ؟ މަޖިލިސް ތަޅުމުގައިވެސް ގޮވަނީމޮޔަ. ޥާހަކައެއް ބުނަންއުޅުނަސް ގޮވެނީމޮޔަ.

  25
  1
 5. މޫސަ

  މި ކަލޭގެ އަވަހަށް ބޮލުގެ ޓެސްޓެއް ހަދަންވީ. އެ ޓެސްޓު ހެދެން ދެން ގުރައިދޫގަ ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓަން ފެންނަނީ.

  21
 6. ހުވަދޫ ޑޮކް

  އަސްލުވެސް ތަ؟

  14
  1
 7. ީިިގުދު

  ޖާބިރޫ ކަލޭ މޮޔަގޮވީމަ މަށަށް ހާދަ މަޖާވެއެ މަ ވަރަށް ފޫހިފިލާ ޖާ ގެ ޚަބަރު ކީމަ ކޮންމެ ދުވަހަކުވެސް މޮޔައެއްޗެއް ކިޔައިދޭންވާނެ

  13
 8. ޣީހުޓާވރ

  މިފަހަރު ފިސާރި ބަދަލު ހިފާލާނެ ތަޞައްރަފް ފުދިއްޖެ ވާހަކައިންވެސް އެބަ އެނގެއެއްނު ދޯ

  11
 9. ޢަދުރޭ

  ކުރިން ތިކަހަލަ މީހަކަށް އުޅުނީ ޖަޑިބު ކިޔާ މީހެއް. ތީ ރައްޔިތުންގެ މަޖުލީހުގެ ޖަޑިބު ކާށިދޫ ރައްޔިތުން ތިބީ ހަމަހޭގައި ބާ މީނަ ހޮވިއިރު

  5
  1
 10. ޙަސަން

  މީނާ މަޖިލީހުގައި ވެސް ހުންނަނީ ބޮއިގެން. ޢަބްދުﷲ ޖާބިރު ބުން އަޙްމަދު ޒަކީ

  2
  1