ސާބިތު ނުހިފޭ ހީގެ މައްޗަށް ބިނާކޮށް ޝަރީޢަތުގައި ހުކުމް ނުކުރެވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ޝެއިޙު ޒައިދު ވިދާޅުވީ، މައްސަލަތަކުގައި (ޝަރީއަތް ކުރާއިރު) ޢަމަލުކުރަން ޖެހެނީ، ލިބޭ ހެއްކާއި ޤަރީނާގެ މައްޗަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އަދި ތުންތުން މަތިން ބުނާތީ މައްސަލަތައް ފައިސަލާ ނުކުރެވޭނެކަމަށް ފާހަގަކުރިއެވެ. މީހަކަށް ވަކި ގޮތަކަށް ހީވާތީ މައްސަލަތައް ވަކި ގޮތަކަށް ގެންދިޔުމަކީ އެއްވެސް ކަހަލަ އުސޫލެއް ނޫންކަމަށް ޝެއިޙު ފާހަގަ ކުރެއްވިއެވެ.

ޝެއިޙު ޒައިދު މިހެން ވިދާޅުވެފައި ވާއިރު މިފަހަކުން ރާއްޖޭގައި ހިނގަމުންދާ ބައެއް ޝަރީޢަތްތަކާއި ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ދަންނަ ބޭކަލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުންތައް ހުރީ ހެއްކާއި ގުޅޭ ދާއިރާއިންނެވެ. މިގޮތުން؛ ހެކި ހޯދުމާއި، ހެކި ދިނުމުގައި ޢަމަލުކުރަމުންދާ އުސޫލުތަކާއި ގުޅިގެންކަން ގިނަ ޝެއިޙުންވެސް ވަނީ އަޑުއުފުލާފައެވެ. ބައެއް މައްސަލަ ތަކުގައި ސިއްރު ހެކިން ހުށައަޅާ މައްސަލައަކީވެސް ވަރަށް ބޮޑު ޙިޔާލު ތަފާތުވުން އުފެދިފައި އޮތް ކަމެކެވެ.

ކޮންމެއަކަސް ޝެއިޙު ޒައިދު ފާހަގަ ކޮށްފައި މިވަނީ ރަނގަޅު ވާހަކައެކެވެ. އިސްލާމީ ޝަރީޢަތުގައި ޢަމަލު ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ގޮތަކީ މިއީއެވެ. މައްސަލަތައް ބެލުމުގައި އާއި ނިންމުމުގައި ބަލަން ޖެހެނީ އެ މައްސަލައިގައި ހިމެނޭ ފާޅުކަން ބޮޑު ހެކި ހޯދައި އެއަށް ޝަރީޢަތްތައް ބައްޓަން ކުރެވޭތޯއެވެ. ހީއާއި ވަހުމުން ދުރުވެ، ސާބިތުހިފޭ ހެއްކާއި ޤަރީނާއަށް ބިނާކުރުމަކީ ޢަދުލުވެރިކަމާ އެކީ ޝަރީޢަތްތައް ހިންގުމަށް ވަރަށްވެސް މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރުމޯލު

    ނޫނޭ. އެބައިމީހުން ގަބޫލުކުރާ ހަމައަކީ، އެބައިމީހުން ހިތްޕުޅާނުވާ ބަޔަކުނަމަ ހަމަ ހިފާ ހައްޔަރުކޮށް ޝަރީއަތަކާ ނުލާ އަދަބުދޭންޖެހޭނެ. އެއީ އެބުނާ އިންތިގާލީ އިންސާފަކީ. ޝޭޚަށް އަދި ތިއުޅުއްވަނީ އޮޅިވަޑައިގެން.