ރާއްޖޭގައި ބާއްވާ ބައެއް އިންތިޚާބުތަކާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ޚިޔާލެއް އޭނާ ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އިންތިޚާބުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ނަމަވެސް ރާއްޖޭގައި ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީގައި ބޭއްވުމަކީ މުޙިންމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

އީސީ ޝަރީފު ވިދާޅުވީ، މިގޮތަށް މި ދެއިންތިޚާބު އެކުއެކީގައި ބާއްވަން ޖެހެނީ، އިންތިޚާބުތައް ބޭއްވުމުގައި ދައުލަތަށާއި، އިންތިޚާބަށް ކުރިމަތިލުމުގައި ޕާޓީތަކަށް އެންމެ ލުއިގޮތަކީ މިއީ ކަމަށްވާތީ ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިޚާބަކަށްވެސް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަމުން ދާއިރު މި ޚަރަދު ކުޑަ ކުރެވޭނެ ގޮތެއް ހޯދުން މުޙިންމު ކަމަށެވެ.

"ކައުންސިލް އިންތިޚާބާއި، މަޖިލިސް އިންތިޙާބް އެއްކޮށް ބޭއްވޭނެ އިންތިޒާމުތަކަކާއި، ގޮތްތަކެއް ކަޑައެޅުމަކީ ވަރަށް މުހިންމުކަމެއް. ދައުލަތުން ދެ އިންތިޚާބަށް ކުރަންޖެހޭ ޚަރަދުވެސް މިހެން ވެއްޖެ ކަމުގައިވާނަމަ ކުޑަވާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޚަރަދު ކުޑަކޮށް ޕާޓީތަކަށް ލުއިފަސޭހަ ގޮތްތައް ބަލައި މިގޮތުގެ މަތީން ރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް ބޭއްވުމަށް ޤާނޫނު ބަދަލުކޮށް މަޖިލީހުންވެސް އެކަމާއި މެދު ވިސްނަން ޖެހިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިޚާބާއި މަޖިލީސް އިންތިޚާބު ވަކިން ބޭއްވުމުން ހޭދަވާ ހޭދަވުމާއި މި ދެ އިންތިޚާބު އެކީގައި ބޭއްވުމުން ހޭދަވާ ވަރާއި އެތައް ގުނައެއް ކުޑަވާނެ ކަމަށެވެ. މިކަމުގެ ސަބަބުން އެ އިންތިޚާބުތައް ވަކިވަކީން ބޭއްވުމުން ހޭދަވާ ވަގުތާއި ޚަރަދަށް އެހެން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީގައި ބޭއްވި ނަމަވެސް ރިޔާސީ އިންތިޚާބު ބާއްވަން ވާނީ ވަކިން ކަމަށެވެ. އެއީ އެ އިންތިޚާބަކީ ޤައުމީ މަސްލަހަތު އެކުލެވިގެންވާ މުޅިން ވަކި އިންތިޚާބެއް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ف

    سبحان الله

    10
  2. ރަޓުޚަބަރެ

    އީސީ ޝަރީފުއަށް އެނގޭތަ؟. ޤާނޫނު އަސާސީ ޓްރާފްޓް ކުރި މީހުންނާއި ޤާނޫނު ވުޖޫދުކުރިމީހުން ރާއްޖެއަށް ދިމާކުރާތީ ނިޒާމުގެންނަށް ފަރުމާކުރި އެއް ހަމައަކީ ދައުލަތަށް ގެއްލުންވިޔަސްވެސް ސިޔާސީ ފޯވަހިތައް މާދިގު މުއްދަތަށް މެދު ނުކެނޑި އައުމަށް މަގުފަހިކޮށް މި ދެންނެވި އިންތިޚާބުތަކަކީ އެއިން ވިޔަފާރީގެ ފައިދާއެއްވެސް ލިބުމާއެކު އެހެނިހެން މުހުތާދުތަށް ފުރިހަމަވެ އަދި އެއާއެކު ވެރިކަމުގައި ތިބޭ ބަޔަކު ހާރުވާލައި ބައެއް ފަހަރަށް ވަކަރަށްޖަހާލަން ލިބޭ ފުރިހަމަ ދަނޑިވަޅެއްގެ ގޮތުގައި އިންތިޚާބުތައް ބައިބަޔަށް ސިސްޓަމެޓިކް ކޮށް ބޭއްވޭނެ ގޮތް ހެދުން.. މި ހަމަ ނެއްތައިލާ ފަދަ އިސްލާޙެއް ޤާނޫނަށް އައިސްފިނަމަ ސިޔާސީ ކަންކަން ވަކަވެ، ދީމާކުރާތީ ނިޒާމު ހީނަރުވެ އެއްބަޔަކު މުޅި ޤައުމުގެ ރިސޯސްތަކަށް އަތްގަދަކޮށް މުޅި މަހަލްދީބުގެ ހިނގުމަށް ބުރޫއަރައިފާނެ ކަމެއްކަމަށް އިހުތިބީންވެސް ތަދުބީރު ކުޅަކަމުން ތާއޭ މި މަގުން ކަންކަން ރޭވި އިންތިޒާމުވެފައިވަނީ.

    24
  3. ޑިމޮކްރަސީ

    ބަލަ ޝަރީފޫ މާ އެއްޗިހި އިނގޭ މީހަކަށް ނުހެދި މަޑު މަޑުން ހުރޭ ކަލޭގެ ދައުރު ނިމޭނެ ދެނެއް ނޮހޮވާނެ.

    17
    1
  4. ސޯކާބެ

    ހުރިހާ އިންތިހާބެއް ބާއްވަން ވީނު އެކުއެކީ އޭރުން ތިހަދަން އުޅޭ ގޮތެއް ރަނގަޅައް ހެދޭނީ ބާތްކަރުތާހޭ ބަލަ ސަރުކާރު ޙަރަދު ކުޑަކުރާވާހަކަ ދައްކާއިރު ދެއިރު ދެދަޅަޔައް ބޯ ބޭހެއް ހެން ތިޔަ ދެނީ އެކްޓިވިސްޓުންނައް ވަޒީފާ ތިހިރީ ޙަރަދުކުޑަ ކުރެވިފަ އިންތިހާބެއް ކައިރިވާ އިރައް މާރައްޔަތުންނަށް ހޮޔޮއެދޭ ބަޔަކައްވެގެން ޕޯޑިއަމް ތަކުގައި ތިޔަ ކުރަނީ ކެންޕޭނު ހުރިހާ ރައްޔަތުން ގަމާރުންނަކައް ނުހެދޭނެ ނުންތޯ ވެދުން

    14
    1
  5. ކެޔޮޅު

    ދެއިންތިހާބު ވަކިންބޭއްވީމަ ކަލޭޖީބައްލެވޭމިންވަރުވެސްމަދުވާނެއެއްނޫން

    21
    2
  6. ޖަލީލާ

    ވޯޓު ވަގު!

    18
    2
  7. ާަޕޮގުބާ

    ކަލެއަށް ވާވަރުވީ ދޯ އެހެންމީހުންކާނެކަމެއްނެތްދޯ އެއްގޮތަކަށްވެސް ކަމުދާގޮތެއްނޫން ކައުންސިލް އިންތިހާބަކީ އާއިލާ އާއި ރަށްޓެހިންގެ އިންތިހާބެއް މަޖިލިސްއިންތިހާބަކީ ރަށްޔިތުންގެ އިންތިހާބެއް

    14
    2
  8. ބޮލި މުލައް

    ނިމިދިޔަ ދެ އިންތިހާބަށް ލިބުނު ލާރިގަނޑު ރައްކާކޮށް ނިމުނީމަ 3 ވަނަ އިންތިހާބާ ކައިރީވާތީ އަނގަފެޅީ.

    17
    2
  9. ޢިއްޒި

    މާލެއިން ބިމެއް ގަނެފި
    ސައިކަލް އެތެރެ ކުރަން ފަށާފި
    ޅަވޭރިއާ ޕިއްޒާ ހުޅުވާފި
    ތިމަރަފުއްޓަށް ދޯންޏެއް ގެނެސްފި
    މެލޭޝިއާއިން އެޕާޓްމަންޓް ގަނެފި
    ނުދެއްކިވާ ލޯނު 1.3މިލިއަން އެއް ކޮށް ދައްކާފި

    ކޮންތާކުން؟ ހަމަ މުސާރައިންބާ؟

    15
    1
  10. މުހައްމަދު

    އަހަރެން ޚަތިމްގަ އަތްލާ ހުވާ ކޮށްފާބުނެފާނަން. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުއަކީ އިންސާފްވެރި ދެފުށްފެންނަ އިންތިޚާބެއްކަން. މިއަށްވުރެ ތިލަކޮށްބުނާނަމަ އިބްރާހީމް ސޯލިޙް ވެރކަމަށް އައިސްފައިވަނީ ހަމަ އޭނާއަށް ލިބުނު ވޯޓްގެ ތަފާތުން. ހަގީގަތީ އިބްރާހީމް ސޯލިހަށް ދިން ވޯޓް އެެއްނޫން އެއީ އެއީ ދިވެހިރައްޔިތުން އޭރު ވެރިކަމުގައި ހުންނެވި ބޭފުޅާގެ އަނިޔާވެރިކަމާއި، ގޮތްދޫނުކުރުމުގެ ސަބަބަުން ބަދަލަކަށް ބޭނުން ވެގެން ދިން ވޯޓެއް. އީސީ ޝަރީފް ރިޝްވަތު ނުކާ ވާހަކައެއްނޫން މިބުނީ.

    2
    6
  11. މިއަދު

    އިންތިޚާބީ ޚަރަދު ދައުލަތުން ކުޑަކުރުމަށް ކައުންސިލްއިންތިޚަބު ރަށުފެންވަރުގައި ބާއްވަން އަޅުގަނޑަށް ފެނޭ މިރައްޖޭގައިވެސް ބަންގާޅުގެ އެތައްހާސްބަޔަކު ދިރިއުޅެމުންދާއިރު އަޅުގަނޑުގެ ހަނދާނަކަށްނާދެ ބަންގާޅުގެ އިންތިޚާބެއްގައި މިރާއްޖޭގައި ވޯޓުފޮއްޓެއްބަހައްޓައިގެން އެބައިމީހުން ވޯޓުލާން ފުރުސަތު ދިންތަނެއް މިރާއްޖޭގައިވެސް އެއުޞޫލުން ކަންކުރާނަމަ ދައުލަތުން އެތަށްތަނަކުން އިންޠިޚާބީ ޚަރދު ކުޑަވާނެ އަދި އިންޠީޚަބުގެ ޔަގީންކަން ބޮޑުވެ ޖައްސާމައްސަލަތައްވެސް މަދުވެގެންދާނެ އީސީގައި ތިމަސައްކަތްކުރާމުއައްޒަފުންނަކީ ކައުންސިލްތަކުގައި އެމަސައްކަތްކުރަންތިބި މުއައްޒަފުންނަށްވުރެ ވަކިން ކޮލިޓީ ރަގަޅުބައެއްނޫން ޓެސްޓެއްކޮށްލުމައް 1 ފަހަރުނަމަވެސް މިފުރުސަތު ދިނުން އެދެން

  12. ބުރޯ

    ރަނގަޅުވާހަކައެއް ، އަދި ރަނގަޅީ ރިޔާސީ އިންތިހާބާ އެކު މަޖިލީހާ ކައުންސިލް ވެސް ބާއްވާ ދަވްރު އެއްވަރުކުރުން ، އެންމެ ރަނގަޅުގޮތަކީ މިހާރު މިހޮވާކައުންސިލަރުންގެ ބަދަލުގަ މަގާމަށް އެކަށީގެންވާ ތައުލީމީ ފާސް ހުންނަ ބޭކަލުން މަޖިލީހާ ކައުންސިލަށް ހޮވުން

  13. އަދާލަތު

    އީސީ ޝަރީފުގެ ޚިޔާލުފުޅަށް އަޅުގަނޑު ތާއީދު. އަބަދުވެސް އެއީ އަޅުގަނޑު ޕަބްލިކްތެރޭގައިވެސް ދައްކާވާހަކައެއް. %50 ޚަރަދު ކުޑަވާނެކަން ޔަޤީން.